Banner Image Description

ދިވެހި ރުފިޔާއަށް ޚާއްސަ ނިޝާނެއް ފަރުމާ ކުރުމުގެ މުބާރާތެއް

ޢަބުދުﷲ ޙަމީދު

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދިވެހި ރުފިޔާގެ ނިޝާން ފަރުމާ ކުރުމުގެ މުބާރާތެއް ބާއްވަން ނިންމައި، ފަރުމާތައް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ގިނަ ޤައުމުތަކުގައި އެ ޤައުމެއްގެ ފައިސާއަށް ހާއްސަކޮށްގެން ނިޝާނެއް އަންނަނީ ބޭނުންކުރަމުންނެވެ. މި ނިޝާނަކީ ލިޔުމުގައި ފައިސާގެ ނަން ލިޔުމުގެ ބަދަލުގައި ބޭނުންކުރާ ނިޝާނެކެވެ. ދިވެހިރާއްޖޭގައި ވެސް މި ފަދަ ނިޝާނެއް ހެދުމަށް މުބާރާތެއް ބޭއްވުމަށް އެމްއެމްއޭއިން ނިންމާފައިވާއިރު، މި ނިޝާން ފަރުމާކުރުމަށް ޝައުގުވެރިވާ ދިވެހި ހުރިހާ ރައްޔިތުންނަށް ބައިވެރިވެވޭނެ ކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ވިދާޅުވީ މިމުބާރާތަށް ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން އެންމެ މޮޅު ހުށަހެޅުމަކަށް 20000ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 21 ފެބުރުއަރީއެވެ. މިއީ ރާއްޖޭގެ ފަރުމާކުރުންތެރިންނަށް ހުޅުވާލި މުހިންމު ފުރުސަތެކެވެ.

ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 ޕްރޮޕޯސަލް ކަމަށާއި ފަރުމާކުރާ ނިޝާނަކީ ކަނާތުން ވައަތަށް އަދި ވައަތުން ކަނާތަށް ލިޔާ ބަސްތަކުގައި ވެސް ބޭނުންކުރެވޭ ފަދަ ނިޝާނަކަށް ވާންވާނެކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.