ގޯލްޑެން ފުޓްސަލް ޗެލެންޖް 2022 ގެ ފައިނަލް މެޗަށް ނުކުންނަ އިރު، ޒޯން ބުރުގެ ޖާގައެއް ކަށަވަރުވެފައި ވީ ނަމަވެސް ހުރިހާ ޓާގެޓެއް ހުރީ މިރޭގެ މެޗު ކާމިޔާބުކޮށް ހއ.އަތޮޅުގެ ތާޖު ދިފާޢުކުރަން ކަމަށް 2019 ވަނަ އަހަރުވެސް އިހަވަންދޫއަށް ތަށި އުފުއްލާލަދިން ކެޕްޓަން މުޙައްމަދު ފަޒީލު ބުނެފިއެވެ. އަދި މިރޭގެ މެޗުން މޮޅުވަން ޓީމު އޮތީ އެއް ރޫޙެއްގައި، އެއްވާނެއްގައި ކަމަށާއި ‘ވިނިންގ ސްޕިރިޓް’ ޓީމުގައި އެބައޮތް ކަމަށް އޭނާ ބުންޏެވެ.
އިހަވަންދޫގެ ކެޕްޓަން އިތުރަށް ބުނީ ޓީމު މިހާ ހިސާބަށް ދަތުރުކޮށްފައިވަނީ ސަޕޯޓަރުންގެ ވަރަށް ބޮޑު ތަރުހީބަކާއިއެކު ކަމަށާއި މިރޭގެ މެޗުންވެސް ފަޑުވުމެއް ނެތް ސަޕޯޓެއް ފެންނަން ބޭނުންވާ ކަމަށެވެ. އަދި ގޯލްޑަން ފުޓްސަލް ޗެލެންޖް ފެށުނީންސުރް ރަށުގެ ކުދި ބޮޑު އެންމެން ޓީމަށް ދެމުންދާ އެއްބާރުލުމާއި ތަރުހީބަށް އެނާ ޝުކުރު އަދާކުރިއެވެ. އަދި، ރަށުގައި ތިބެގެން ސޯޝަލް މީޑީއާގައި ދެމުންދާ ތަރުޙީބު ފާހަގަކޮށް، އެކަމުގެ ސަބަބުން ޓީމަށް އިތުރު ހިތްވަރަކާ، ދިރުމެއް ގެނެސްދޭކަމަށް އެނާ ބުންޏެވެ.
މިއަހަރުގެ އިހަވަންދޫ ޓީމުގެ ފުރަތަމަ މެޗުގައި އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ހަސަން ޝާމިލުއަށް މިރޭގެ މެޗުގައި ދެ ރީނދޫ ކާޑު ހަމަވުމުގެ ސަބަބުން ނުކުޅެވޭނެއެވެ.
އެންމެ ފަހުގެ އަތޮޅު ޗެމްޕިއަން އިހަވަންދޫއިން ފައިނަލަށް ދަތުރު ކޮށްފައިވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 9 ޕޮއިންޓާއެކުއެވެ. ފައިނަލްގައި އިހަވަންދޫއާ ދެކޮޅަށް ކުޅޭނީ ވާދަވެރި ހޯރަފުއްޓެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިރޭ 8:15 ގައި ރެހެނދި ދަނޑު 1 ގައެވެ.