Banner Image Description

ރަމަޟާން މަހާ ދިމާކޮށް ބާއްވާ ބާޒާރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ޢަބުދުﷲ ޙަމީދު

ކުރިއަށް އޮތް ރަމްޟާންމަހާއި ދިމާކޮށް، އިހަވަންދޫ ކައުންސިލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “އިހަވަން ރަމަޟާން ބާޒާރު” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިހަވަންދޫ ކައުންސިލުން ބުނީ މިއީ ރަމަޟާންމަހާ ދިމާކޮށް، ރަށުގެ ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަތެއް ތަނަވަސްކޮށްދިނުމުގެ ގޮތުންނާއި، އިހަވަންދިއްޕޮޅުގެ ރައްޔިތުންނަށް ރަމަޟާންމަހަށް ބޭނުންވާ ސާމާނު ހެޔޮ އަގެއްގައި އެއްތަނަކުން ހޯދުމުގެ ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ބާޒާރެއްކަމަށެވެ.

މިހިނގާ މާރިޗު މަހުގެ 24 އިން 27 އަށް އިހަވަންދޫ ބަނދަރު ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިބާޒާރުގައި ސްޓޯލްތައް ބައިވެރިކުރަން ބޭނުންވާ ފަރާތްތަކުން 01 މާރިޗު 2022 އިން 10 މާރިޗު 2022 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު 09:00 ން 13:00 އަށް އިހަވަންދޫ ކައުންސިލުގައި ރެޖިސްޓުރީ ކުރުމަށް ކައުންސިލުން އެދިލައްވައެވެ. މިބާޒާރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހާވީރު 4:15 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ. ސުޓޯލްތަކަށް ބޭނުންވާ ކަރަންޓް އަދި ރޭގަނޑު ދިއްލުމުގެ އިންތިޒާމް ކައުންސިލްގެ ފަރާތުން ހަމަޖައްސައިދޭއިރު، މިބާޒާރުގައި ބައިވެރިވުމަށް 1000 ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ. ނަމަވެސް ދިވެހި އުފެއްދުންތައް ވިއްކާ ފަރާތްތައް ބައިވެރިވުމުމަށް ދައްކަން ޖެހެނީ 500 ރުފިޔާއެވެ.

އިހަވަންދޫ ކައުންސިލުން ބުނެފައިވަނީ މި ބާޒާރުގައި ބައިވެރިވުމުގެ ފުރުސަތު  އަމިއްލަ ފަރާތްތަކަށާއި، ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަށް އޮންނާނެކަމަށެވެ.