ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރުގެ ޚިދުމަތް ފަށައިފި

.

އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަރުކަޒުގައި ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރުގެ ޚިދުމަތް މިއަދު ފަށައިފިއެވެ. މިއީ އާމިނާ ދިޔޯ ޞިއްޙީ މަރުކަޒުގައި ފުރަތަމަ ޤާއިމްކުރެވުނު ދާއިމީ ސްޕެޝަލިސްޓް އޯޕީޑީ ހިދުމަތެވެ.

އާމިނާ ދިޔޯ ސިއްޙީމަރުކަޒުގައި މި ޚިދުމަށް ފެށުމަށްޓަކައި އިހަވަންދޫއަށް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރެއް ވަޑައިގެންފައިވަނީ 23 މާރިޗް 2022 ގައެވެ. އާމިނާ ދިޔޯ ސިއްޙީމަރުކަޒުން މައުލޫމާތު ދޭގޮތުގައި ރަމަޟާން މަހާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުގެ ހިދުމަތް ފޯރުކޮށްދޭނީ ހުކުރު ދުވަސްފިޔަވާ ހަފުތާގެ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 15:00 އަށެވެ. ރަމަޟާން މަސް ނިމުމުން ހުކުރު ދުވަސް ފިޔަވާ ހަފުތާގެ ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން ހަވީރު 16:00 އަށް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަގެ ހިދުމަތް ލިބޭނެކަމަށް އާމިނާ ދިޔޯ ސިއްޙީމަރުކަޒުން މައުލޫމާތު ދެއްވައެވެ.

އާމިނާ ދިޔޯ ސިއްޙީމަރުކަޒުގައި ކުޑަކުދިންގެ ޙާއްސަ ޑޮކްޓަރުގެ ޙިދުމަތް ފެށުމާއި ގުޅިގެން އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ މިއަދަކީ އިހަވަންދޫގެ ތާރީޙުގައި މުހިއްމުދުވަހެއްކަމަށާއި މިކަމުގެ ސަބަބުން އިހަވަންދޫއާއި އިިހަވަންދިއްޕޮޅުގެ ރައްޔިތުންނަށް ސިއްޙީހުދުމަތް ހޯދުމުގައި އިހުނަށްވުރެ ބޮޑުލުއިފަސޭހަކަމެއް ލިބިގެންދާނެކަމުގައެވެ.

3300 ވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ އިހަވަންދޫގައި ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުގެ ޚިދުމަތް ލިބެން ނެތުމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ދަތިތަކަކާ ކުރިމަތި ލާންޖެހެއެވެ. އެގޮތުން އެރަށުގެ ރައްޔިތުން ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް ހޯދުމަށް ގަދަ ކަނޑެއްގަ ދިގު ދަތުރެއްކޮށްފަ ދާންޖެހެނީ ދިއްދޫއަށް ނޫނީ ކުޅުދުއްފުއްޓަށެވެ. އިހަވަންދޫގައި އުމުރުން 16 އަހަރުން ދަށުގެ 1200އާ ގާތްކުރާ އަދަދަކަށް ކުދިން ދިރިއުޅެއެވެ.