ކައުންސިލްގެ ޗެކްތަކުގައި އެސްޖީ ސޮއިކުރުމުގެ ހުއްދަދޭން ނުފެންނަކަމަށް ފާސްކޮށްފި

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލް އިދާރާގެ ސެކެރެޓްރީ ޖެނެރަލް އަޙްމަދު ޝިފާއުއަށް، އިހަވަންދޫ ކައުންސިލް އިދާރާގެ ބޭންކް އެކައުންޓް ތަކުގައި ސޮއެކުރުމުގެ ހުއްދަ ދޭން ނުފެންނަކަމަށް އިހަވަންދޫ ކައުންސިލުން ފާސްކޮށްފިއެވެ. މިގޮތަށް ކައުންސިލުން ފާސްކޮށްފައިވަނީ އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 44 ވަނަ އާންމު ޖަލްސާގައެވެ.

އިހަވަންދޫ ކައުންސިލް އިދާރާގެ ސެކެރެޓްރީ ޖެނެރަލް އަޙްމަދު ޝިފާއުއަށް، އިހަވަންދޫ ކައުންސިލް އިދާރާގެ ބޭންކް އެކައުންޓްތަކުގައި ސޮއެކުރުމުގެ ހުއްދަ ދިނުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 44 ވަނަ އާންމު ޖަލްސާއަށް ހުށަހެޅުމުން، ޝިފާއުއަށް އެހުއްދަ ދޭން ނުފެންނަކަމަށް ހުށަހެޅީ ކައުންސިލް މެންބަރު މުހައްމަދު ޒާހިރު ހަސަނެވެ. ކައުންސިލް މެމްބަރު މަރިޔަމް ޝިފާޒާ ފިޔަވާ އެހެން ކައުންސިލް މެމްބަރުންވަނީ ޒާހިރުގެ ހުށަހެޅުން ފާސްކުރަން ވޯޓް ދެއްވާފައެވެ.

ކައުންސިލްގެ މާލީ ޒިންމާދާރު އިސްވެރިޔާއަކީ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލަށް ވީހިނދު، ދައުލަތުގެ އޮފީސްތަކުންކުރާ ޚަރަދުތަކަށް ހުއްދަދޭ އޮތޮރައިޒިންގް އޮފިސަރުން އައްޔަންކޮށް، އެމުވައްޒަފުންނަށް ހުއްދަ ދެވޭނެ އެންމެ މަތީ އަދަދު ކަނޑައަޅައި، ޕޭމަންޓް ވައުޗަރުތަކުގައި ހުއްދަދޭ ސޮއެ ކަށަވަރުކުރުމަށް ކަމާބެހޭ ފަރާތަށް ފޮނުވުމަކީ ދައުލަތުގެ މާލިއްޔަތު ޤަވާއިދުގައި ވާގޮތުގެމަތިން އެއިދާރާއެއްގެ މާލީ ޒިންމާދާރު އިސްވެރިޔާގެ މަސްއޫލިއްޔަތެކެވެ. އަދި ހަމަ އެހެންމެ ކައުންސިލްތަކުގެ މަލީ ޒިންމާދާރުވެރިން އައްޔަންކުރުމާއި ވަކިކުރުމަކީވެސް ކައުންސިލްތަކަށް ލިބިގެންވާ ބާރެއްނޫނެވެ.