ޔުނިޓީގެ ކޮފީވިތް ޝައިޚް ހަރަކާތް މި ރޯދަމަހުވެސް ކުރިޔަށްގެންދާނެ ކަމަށާއި އެގޮތުން މިރޭ އެހަރަކާތުގެ މިއަހަރުގެ ފުރަތަމަ ބުރު އޮންނާނޭ ކަމަށް އެޖަމްޢިއްޔާގެ ރައީސް އަލްފާޟިލް ޙުސައިން ރީޙާނު ވިދާޅުވެއްޖެއެވެ. މި ނޫހަށް މަޢުލޫމާތުދެއްވަމުން އެޖަމްޢިއްޔާގެ ރައީސް ވިދާޅުވީ މިހަރަކާތަކީ މާލޭގައި ދިރިއުޅޭ އިހަވަންދޫއަށް ނިސްބަތްވާ ފަރާތްތަކަށް ހާއްސަކޮށްގެން ކޮންމެ ރޯދަމަހެއްގައިވެސް އެޖަމްޢިއްޔާއިން ހިންގާ ހަރަކާތެއް ކަމަށާއި މިހަރަކާތް މިރޭ ފެށިގެންދާއިރު މިރޭގެ ހަރަކާތުގައި އިހަވަންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް މުޙައްމަދު ޝިފާއުވެސް ބައިވެރިވާނެކަމަށެވެ.
މިހަރަކާތުގެ ތެރެއިން ޝައިޚަކާއެކު ހިތްގައިމު މާހައުލެއްގައި ވާހަކަދައްކާލައި ސުވާލުކޮށްލައި ހެދުމުގެ ފުރުޟަތު އެ ހަރަކާތުގެ ބައިވެރިންނަށް ލިބިގެންދެއެވެ. އެހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު މާލޭގައި ދިރިއުޅޭ އިހަވަންދޫއަށް ނިސްބަތްވާ ކޮންމެ މީހަކަށްވެސް އޮވެއެވެ. މިހަރަކާތުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން 9104064 އަކަށް ގުޅައިގެން ނުވަތަ އެމީހެއްގެނަން އެސް އެމް އެސް ކޮއްލުމަށް އެޖަމްޢިއްޔާއިން އެދެއެވެ.
ޔުނިޓީ ފާހަގަކުރެވިފައިވަނީ ފަހުގެ ތާރީޚެއްގައި އިހަވަންދޫގައި އުފެދުނު ހިންގުންތެރި ދީނީ ޖަމްޢިއްޔާއެއް ގޮތުގައެވެ. މިހާރުވެސް ޔުނިޓީގެ ފަރާތުން ދަނީ ތަފާތު ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން މިއަހަރުވެސް ރޯދަމަހާއި ދިމާކޮށް ބިރާގަންގެ ނަމުގައި ސުވާލުމުބާރާތެއް ޔުނިޓީން ހިންގައެވެ. ކޮންމެ ހަފްތާއަކުވެސް އެންމެ ގިނަ ޖަވާބު ދިމާކުރާ ފަރާތްތަކުގެ ތެރެއިން ޤުރުއަތުން ހޮވޭ ފަރާތަކަށް ހާއްސަ އިނާމުތައްވެސް މި ހަރަކާތުން ލިބެއެވެ. މީގެ އިތުރުން މި ރޯދަ މަހުގައިވެސް ދީނީ ދަރުސްދިނުމަށް ބޭނުންވާ ޝައިޚުން އިހަވަންދޫއާއި އިހަވަންދިއްޕޮޅުގެ އިތުރު ރަށްރަށަށް ގެނައުމުގެ މަސައްކަތް މިހާރުވެސް ޔުނިޓީން ކުރަމުންދާކަމަށް މަޢުލޫމާތު ލިބެއެވެ.
މިހަރަކާތުގައި ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކާއި، އަމިއްލަ ވިޔަފާރިތަކާއި ކުލަބު ޖަމްޢިއްޔާތަކުން އެ ޖަމްޢިއްޔާއަށް ދެއްވާ އެއްބާރުލުމަށްޓަކައި އެޖަމްޢިއްޔާއިން ޝުކުރުއަދާކުރާކަމަށް ޔުނިޓީގެ ރައީސް އަލްފާޟިލް ޙުސައިން ރީޙާނު ވިދާޅުވިއެވެ.