Banner Image Description

އިހަވަންދޫގެ ބޮޑު ހަތަރު މިސްކިތުގައި ސޯލާ ޕެނަލް ހަރުކުރުމަށް ފެނައަކައަށް

މުޙައްމަދު އަކުރަމް

އިހަވަންދޫގައި ހުކުރުނަމާދުކުރާ 4 މިސްކިތުގައި އިރުގެ އަވިން ކަރަންޓް އުފައްދާ ސޯލާ ޕެނަލް ހަރުކުރުމަށް ފެނަކަ ކޯޕަރޭޝަނާއި އިހަވަންދޫ ކައުންސިލުން ހަވާލުކޮށްފިއެވެ. މިމަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ އެކަމަށްޓަކައި މިއަދު ފެނަކަ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އިހަވަންދޫ ކައުސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވީ އިހަވަންދޫގެ ބޮޑު ހަތަރު މިސްކިތުގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރީ 899،602.39ރ އަށް 3 މަސްދުވަހުގެ ތެރޭގައި އެމަސައްކަތް ނިންމާގޮތަށެވެ. ސޮބާހް ފާހަގަކުރެއްވި ގޮތުގައި ކައުންސިލްގެ ބަޖެޓުން އަހަރަކު 1.2 މިލިއަން ރުފިޔާ މިސްކިތްތަކުގެ ކަރަންޓަށް ހަރަދުކުރަން ޖެހެއެވެ. އެހެންކަމުން މިމަސްރޫއުގެ ސަބަބުން ވަރަށްބޮޑުތަނުން ކަރަންޓަށްކުރަންޖެހޭ ހަރަދު ކުޑަކުރެވޭނެކަން އެބޭފުޅާ ފާހަގަކުރެއްވިއެވެ. ފެނަކައިން ހެދި އެސެސްމެންޓުން، ސޯލާ ޕެނަލް ހަރުކުރާ މިސްކިތްތަކުގެ ކަރަންޓް ބިލް 0ރ އަށް ކުޑަކުރެވޭނެ ކަމަށް ދައްކާކަން ފާހަގަކޮށް ސޮބާހް ވިދާޅުވީ މިމަސްރޫއަށް ކުރާ އިންވެސްޓްމެންޓް 1 އަހަރުތެރޭ ކަވަރުވާނެކަމަށެވެ.

އިހަވަންދޫ ރައީސް ސޮބާހް ވިދާޅުވީ ފެނަކައިން މިކަމުގައި ކައުންސިލަށް ދެއްވާ އެއްބާރުލުމަށް ވަރަށްބޮޑަށް ޝުކުރު އަދާކުރާ ކަމަށާއި، މިމަސްރޫއު ފެނަކަޔާއި ހަވާލުކުރީ އެއީ މިފަދަ މަސައްކަތެއްކުރުމަށް އެންމެ ގާބިލް ކުންފުނިކަމަށް ދެކޭތީ ކަމުގައެވެ.

އިހަވަންދޫ ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ މިމަސްރޫއުގެ ދަށުން ސޯލާ ޕެނަލް ހަރުކުރާނީ އިހަވަންދޫ ތައުބާ، ތައާވުން، ނަސްރު އަދި އަބޫބަކުރު މިސްކިތުގައެވެ.