އިހަވަންދޫ ފެރީ ޓަރމިނަލްގެ މަސައްކަތް ނިމިއްޖެ

ޢަބުދުﷲ ޙަމީދު

ހއ.އިހަވަންދޫ ފެރީ ޓަރމިނަލް ޕްރޮޖެކްޓްގެ މަސައްކަތް ނިމިއްޖެއެވެ.

މޯލްޑިވްސް ޓުރާންސްޕޯޓު ކޮންޓުރެކްޓިންގ ކޮމްޕެނީ ( އެމްޓީސީސީ ) އިން އިމާރާތްކުރި މި ފެރީ ޓަރމިނަލް އަކީ އިންޓަރގްރޭޓޭޑް ޕަބްލިކް ފެރީ ނެޓްވޯކް ޕްރޮޖެކްޓްގެ ދަށުން ޒޯން 1 އަށް ޚިދުމަތް ދިނުމަށް އިމާރާތްކުރެވިފައިވާ ޓަރމިނަލްއެކެވެ. އަލަށް ނިމިފައިވާ މި ޓަރމިނަލްގައި ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުމަށްޓަކައި ކޮމާޝަލް އޭރިއާއަކާއި، ޕޭރެންޓް ރޫމަކާއި، ލަގެޖް ރޫމަކާއި، ޓަކް ޝޯޕެއްގެ އިތުރުން ދެ ޖިންސުގެ ބޭފޫޅުންނަށް ވަކިން ފާހަނަ ހުންނާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއްވައެވެ.

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްއަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ހައި ސްޕީޑު ޕެސެންޖަރ ފެރީ ހިމަނައިގެން ފަރުމާކުރެވިފައިވާ މަޝްރޫއެކެވެ. ޕަބްލިކް ފެރީ ނެޓްވޯކް ފަރުމާކުރުމުގައި ސިއްޙީ އަދި ސަލާމަތީ މިންގަނޑުތަކާއި، ފަސިންޖަރުންނަށް ފަސޭހަ އަދި ދެމެހެއްޓެނިވި ގޮތެއްގައި ޙިދުމަތް ފޯރުކޮށްދިނުމަށް އަހައްމިއްޔަތުކަން ދީފައިވެއެވެ. ފެރީ ނެޓްވޯކް ޤާއިމްވެގެން އަންނައިރު މި މަޝްރޫޢު ކުރިއަށް ގެންދަން ބޭނުންވާ އެހެނިހެން އިންފްރާސްޓްރަކްޗަރތައް (ފެރީ ޓަރމިނަލް އަދި އަރާ ފޭބުމުގެ މާލަން) ޒަމާނާ އެއްގޮތަށް ބިނާ ކުރެވިގެންދާނެއެވެ.

ޕަބްލިކް ފެރީ ނެޓްވޯކްގައި ހިމެނެނީ 6 ޒޯންއެވެ. އަދި ފެރީ ނެޓްވޯކް ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ 3 ފޭސްއަކަށް ބަހަލައިގެން ނެވެ.

އެގޮތުން ފޭސް 1 ގައި ހިމެނޭ ހދ. އަތޮޅަކީ އެ މަޝްރޫއުގެ ދަށުން ދަތުރުތައް ފެށި ފުރަތަމަ އަތޮޅެވެ.