Banner Image Description

ވިއްސާރާގައި އިހަވަންދޫއަށް ގެއްލުންވާން ފަށައިފި!

މުޙައްމަދު އަކުރަމް

މިހާރު ކުރަމުން މިދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި އިހަވަންދުއަށް ބޯކޮށް ވާރޭވެހި ވައި ގަދަވުމުގެ ސަބަބުން އެކިކަހަލަ ގެއްލުންތައް ވާންފަށާފިއެވެ. އެގޮތުން ބައެއް ސަރަހައްދުގައި ހުރި ގަސްގަސް ވެއްޓެމުންދާއިރު ބައެއް އިމާރާތްތަކަށްވެސް ދަނީ ގެއްލުންވަމުންނެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވުމުގެ ސަބަބުން، ރާއްޖޭގެ ބޮޑު ބަޔަކަށް މެޓް އޮފީހުން ނެރުނު ރީނދޫ ސަމާލުގެ ވަގުތުވެސް ވަނީ ދަންމާލައިފައެވެ. މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް މިއަދު މެންދުރު 15:00 އިން ރޭގަނޑު 19:00 އަށެވެ. މެޓް އޮފީހުން ބުނެފައިވަނީ، އެ ގަޑިތަކުގައި ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާ، އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށެވެ.

މޫސުން ގޯސްވެ ވައި ގަދަވުމުގެ ސަބަބުން އެއްގަމު، ކަނޑު އަދި ވައިގެ މަގުން ދުއްވާ އުޅަނދުތައް ދުއްވުމުގައި ސަމާލުވުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ.