Banner Image Description

މޫސުން ގޯސްވެގެން ކުރިޔަށް ނުގެންދެވުނު ކުޑަކުދިންގެ ހަވީރު މާދަމާހަވީރު

މުޙައްމަދު އަކުރަމް

މިއަންޒް އިންޓަނޭޝަނަލް (އެމްއައި) ކޮލެޖުން އެޑިއުކޭޝަން ފެއާއަކާއިއެކު މިއަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވުމަށް މަސައްކަތްކުރި ކުޑަކުދިންގެ ހަވީރު، މޫސުން ރަނގަޅުވުމުން މާދަމާހަވީރު ބޭއްވާގޮތަށް ހަމަޖެހިއްޖެއެވެ. އެމްއައި ކޮލެޖާއި އިމަގު ޖަމިއްޔާ އަދި އިހަވަންދޫ ކައުންސިލް ގުޅިގެން ބާއްވާ މިހަރަކާތް އޮންނާނީ މާދަމާ ހަވީރު 16:00 ގައި އިހަވަންދޫ އޯޕަން ސްޓޭޖް ސަރަހައްދުގައިކަމަށް އިމަގު ޖަމިއްޔާގެ ރައީސް މޫސާ އަލީ ވިދާޅުވިއެވެ.

މާދަމާގެ އިވެންޓްގައި މައިކޮލެޖްގެ ކޯސްތަކާއި ބެހޭގޮތުން މައުލޫމާތު ދޭއިރު ކޯސްތަކަށް ކުރިމަތި ލުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. އަދި މީގެއިތުރުން ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް އިހަވަންދޫގެ އެކި މުއައްސަސާތަކާއި ގުޅިގެން ހިންގާ ހަރަކާތުގައި ތަފާތު ކުޅިވަރުތަކާއިއެކު އެކި ކަހަލަ އިނާމްތައްލިބޭ ސްޓޯލްތައް ހުންނާނެއެވެ.

އެމްއައި ކޮލެޖުން ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި އެޑިއުކޭޝަނަލް ފެއާތައް ބޭއްވުމަށް ހަމަޖެހިފައެވެ. މާދަމާގެ ފެއާގައި ބައިވެރިވެ އެޕްލިކޭޝަން ހުށަހަޅާ ކުދިންގެ ތެރެއިން ގުރުއަތުންހޮވޭ 5 ކުއްޖަކަށް ޓެބްލެޓެއް ލިބިގެންދާނެއެވެ. މާދަމާގެ އިވެންޓް ނިމުމުގެ ކުރިން ގުރުއަތު ނެގުން އޮންނާނެކަމަށް މައުލޫމާތު ލިބެއެވެ.

މީގެއިތުރުން އެމްއައި އިހަވަންދޫ ކެމްޕަހުގައި މިސެމިސްޓާގައި ކިޔަވަންފަށާ ކުދިންގެ ތެރެއިން ސްކޮލާޝިޕަށް އެޕްލައިކުރާ 3 ކުއްޖަކަށް ފުލް ސްކޮލާޝިޕް ލިބުމުގެ ފުރުސަތުއެބައޮތެވެ. ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މިހާރުވެސްވަނީ ހުޅުވާލާފައެވެ. ސްކޮލާޝިޕް ލިބޭކުދިން ކަނޑައަޅާނީ އެޕްލައިކުރާ ކުދިންގެ ނަތީޖާއަށް ބަލާފައެވެ.

މާދަމާ އެމްއައި ކޮލެޖުން އެޑިއުކޭޝަން ފެއާއަކާއިއެކު ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ކުރިޔަށްގެންދާ އިވެންޓް އިހަވަންދޫ.ކޮމްގެ ފޭސްބުކް ޕޭޖުން އަދި ޔޫޓިއުބް ޗެނަލުންވެސް ލައިވް ކުރުމަށްވަނީ ހަމަޖެހިފައެވެ.