ފެނަކަ ކޯޕަރެޝަނުން އިހަވަންދޫގައި ފޯރުކޮށްދެމުންދާ ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް އަޅާފައިއޮތް ކޭބަލް ނެޓްވޯރކް ބަދަލުކުރުމަށް ކޯރުކޮނެ އައު ކޭބަލް ވަޅުލައިދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފިއެވެ. ފެނަކައިން ބުނީ އެކުންފުނިން މިކަމަށް އެދި ފުރަތަމަކުރި އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާ ކަމުގައެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޖޫންމަހުގެ 8 ވަނަ ދުވަހުގެ 11:00 އަށް ފެނަކަ އިހަވަންދޫ ބްރާންޗަށް ގޮސް އަންދާސީ ހިސާބު ހުށަހަޅަންޖެހެއެވެ. މިމަސައްކަތާގުޅޭ ޑޮކިއުމެންޓޭޝަން އިހަވަންދޫ ފެނަކަ ބްރާންޗްގެ އިތުރުން ހއ އަތޮޅުގެ ހުރިހާ ބްރާންޗަކުންވެސް ލިބޭނެކަމަށް ފެނަކައިން މައުލޫމާތުދެއެވެ.
އިހަވަންދޫގެ ކޭބަލް ނެޓްވޯރކް ބަދަލުކޮށް އަޕް ގްރޭޑް ކުރުމަށް ފެނަކައިން ހިންގާ މަޝްރޫއުގެ ދަށުން ރަށުގެ އެކިސަރަހައްދު ތަކުގައި ޓްރާންސް ފޯމަރުތައް ބެހެއްޓުމަށް ހަމަޖެހިފައެވެ. އެގޮތުން މިހާރުވަނީ ޓްރާންސް ފޯމަރު ބެހެއްޓުމަށް އިމާރާތްކުރަންޖެހޭ 3 ހަޓުގެ މަސައްކަތް ނިންމާފައެވެ. އަދި މީގެއިތުރުން ކޭބަލް ނެޓްވޯރކް ބަދަލުކުރުމަށް ބޭނުންވާ ކޭބަލް މިހާރުވަނީ އިހަވަންދޫއަށް ގެނެސްފައެވެ.