އެމްޕީ ޝިފާއު އަނެއްކާވެސް އެމްޑީޕީއަށް ސޮއެކޮށްފި

މުޙައްމަދު އަކުރަމް

އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު، މުހައްމަދު ޝިފާއު (ބުލްބުލް) އަނެއްކާވެސް ވެރިކަންކުރާ އެމްޑީޕީއަށް ސޮއެކޮށްފިއެވެ. އެބޭފުޅާ މިއަދުވަނީ އެމްޑީޕީ މެމްބަރޝިފް ފޯމެއްގައި ފިންގަރ ޕްރިންޓް ޖައްސަވާ މަންޒަރު ފެންނަ ފޮޓެއެއް އާންމުކުރައްވާފައެވެ. އިލެކްޝަން ކޮމިޝަނުގެ ރަޖިސްޓްރީއަށް ބަލާއިރު  އެބޭފުޅާއަކީ އެއްވެސް ސިޔާސީ ޕާޓިއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ބޭފުޅެއް ނޫނެވެ. ނަމަވެސް އެމްޑީޕީއިން ބަލަހަށްޓާ އެޕާޓީގެ ދަފުތަރުގައި އެބޭފުޅާގެ ނަން އެބައޮތެވެ.

ޝިފާއު ވިދާޅުވީ އެބޭފުޅާ މިހާތަނަށް ދެފަހަރެއްގެ މަތިން އެމްޑީޕީ މެމްބަރޝިފް ފޯމް ފުރާފައިވާނެކަމުގައެވެ. އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އަބުދުﷲ އެމްޑީޕީ އިހަވަންދޫ ދާއިރާގެ ރައީސަކަށް ހުރިއިރު އެބޭފުޅާއަކީ ނައިބް ރައީސް ކަމަށާ، އަދި މަޖްލިސް އިންތިހާބުގެކުރިންވެސް އެމްޑީޕީއަށް ވަންނަން ފޯމް ފުރިނަމަވެސް އިލެކްޝަން ކޮމިޝަނުގައި އޮންނަ ޕާޓީގެ ދަފުތަރަށް ހަމަ ނުވަދެވެނީކަމަށް ޝިފާއު ވިދާޅުވިއެވެ.

2019 ވަނަ އަހަރުއޮތް މަޖިލިސް އިންތިހާބުގައި ޝިފާއު ވާދަކޮށްފައިވަނީ އެމްޑީޕީ ޓިކެޓްގައެވެ. އެއްވެސް ޕާޓީއެއްގެ މެމްބަރެއްކަމަށް އިލެކްޝަން ކޮމިޝަނުގެ ދަފުތަރުގައި ނެތްބޭފުޅަކަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ދިނީ ކީއްވެކަމެއް ނޭގެއެވެ. އަދި ހަމައެހެންމެ ރައްޔިތުންގެ މަޖިލީހުގައިވެސް އެމްޑީޕީގެ މެމްބަރެއްގެ ހައިސިއްޔަތު، އެބޭފުޅާއަށް ދޭސަބަބާއިމެދު ސުވާލުއުފެދެއެވެ.

ބައެއް ފަރާތްތަކަށްނޭގި ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލަ ބޮޑުވެފައިވާއިރު، ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ވަންނަން ހުށަހަޅާ މީހުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން ޢާމުކުރުމަށްފަހު ފޯމުތަކުގެ ސައްޙަކަން ކަށަވަރުކުރުމަށް އާންމުކޮށް ހުޅުވާލުމަށް ވަނީ ނިންމާފައެވެ. އިލެކްޝަނުން ފޯމުތަކުގެ ސައްޚަކަން ކަށަވަރު ކުރުމަށް ހުޅުވާލާއިރު، ޕާޓީތަކަށް އަލަށް ވަނުމަށް ހުށަހެޅި މީހުން ފުރިހަމަ ނަމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފަހު ތިން އަދަދު ވަނީ އާންމުކޮށްފައެވެ. އިލެކްޝަނުން ވަނީ ޝަކުވާއެއް އޮތޯ ބެލުމަށްޓަކައި، ޕާޓީތަކުން ހުށަހަޅާފައިވާ ފޯމުތަކުގެ ވެރިންގެފޯނަށް މެސެޖެއް ފޮނުވާފައެވެ.

އިލެކްޝަނުން މިގޮތަށް އާންމުކޮށް އިއުލާންކޮށްގެން ހުޅުވާލި ފުރަތަމަ 373 ފޯމަށް އެއްވެސް ޝަކުވާއެއް ލިބިފައިނުވެއެވެ. މެމްބަރުންނަށް ނޭގި ޕާޓީ ބަދަލުކުރާ މައްސަލައަކީ ހައްލު ހޯދުމަށް އޮތް ބޮޑު މައްސަލައެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުންވެސް ގަބޫލު ކުރެއެވެ.