އިހަވަންދޫ ޓީމަށް ނެއްލައިދޫވެސް ބަލިނުކުރެވުނު

މުޙައްމަދު އަކުރަމް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވެސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ ދިވެހި ޕްރިއާމް ލީގް ކޮލިފިކޭޝަންގެ ނޯރތް ލީގުގައި ބައިވެރިވާ އިހަވަންދޫ ޓީމް ނެއްލައިދޫއާ ޓީމާއި ވާދަކޮށް އެއްވަރުވެއްޖެއެވެ.

އިއްޔަ ހަވީރު ހަނިމާދޫ ދަނޑުގައިކުޅުނު މިމެޗް އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މެޗްގެ ފުރަތަމަ ގޯލް ޖެހީ ނެއްލައިދޫ ޓީމުންނެވެ. މި ގޯލް އެޓީމުން ކާމިޔާބުކޮށްދިނީ މެޗްގެ 24 ވަނަ މިނެޓްގައި އެޓީމްގެ ޖާޒީ ނަންބަރު 26 އަލީ ޝާހިންއެވެ. އިހަވަންދޫ ޓީމުން އެއްވަރުކުރީ ފުރަތަމަ ހާފްގެ 42 ވަނަ މިނެޓްގައި ޖާޒީނަންބަރު 21 މުހައްމަދު ޝާނިއު ޖަހައިދިން ގޯލުންނެވެ.

މިއަދުގެ މެޗާއިއެކު ފުރަތަމަ ލެގްގެ ކުޅުން ނިމިފައިވާއިރު 10 ޕޮއިންޓާއިއެކު ތާވަލްގެ އެއްވަނާގައި އޮތީ ދިއްދޫ ޓީމެވެ. 7 ޕޮއިންޓާއިއެކު ކުޅުދުއްފުށި 2 ވަނާގައި އޮތްއިރު ހަނިމާދޫ 3 ވަނާގައި އޮތީ 6 ޕޮއިންޓް ހޯދައިގެންނެވެ. އިހަވަންދޫ ޓީމް 4 ވަނާގައި އޮތްއިރު ލިބިފައިވަނީ 3 ޕޮއިންޓެވެ. އަދި ފުލުގައިއޮތް ނެއްލައިދޫ އަށް ޕޮއިންޓެއް ލިބިފައިވަނީ އިހަވަންދޫ ޓީމްއަތުން އެކަންޏެވެ.

މިމުބާރާތުގައި އިހަވަންދޫ ދެން ނުކުންނާނީ ދިއްދޫއާ ދެކޮޅަށެވެ. އެމެޗްކުޅޭނީ މިމަހުގެ 26 ވާ އާދީއްތަ ދުވަހުގެ ހަވީރު 16:00 ގައި ދިއްދޫ ދަނޑުގައެވެ. އެފްއޭ މޯލްޑިވެސް ނޯތް ލީގްގައި ބައިވެރިވެފައިވަނީ 16 ޓީމެކެވެ. 16 ޓީމް ހަތަރު ގްރޫޕަކަށް ބަހާލިއިރު ހއ އަތޮޅުން މިމުބާރާތުގައި ބައިވެރިވާ ދިއްދޫ ޓީމާއި އިހަވަންދޫ ޓީމް ހިމެނިފައިވަނީ ގްރޫޕް އޭ ގައެވެ. މި ދެ ޓީމްގެ އިތުރުން އެގްރޫޕްގައި ހިމެނެނީ ހަނިމާދޫ، ނެއްލައިދޫ އަދި ކުޅުދޫފުއްޓެވެ. ގްރޫޕްގެ އޭގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ދިއްދޫ އަދި ހަނިމާދޫގައެވެ. ދެރައުންޑަށްކުޅޭ ގްރޫޕް ސްޓޭޖް މެޗްތައް ކުޅެ ނިމޭނީ ޖުލައި މަހުގެ 4 ވަނަ ދުވަހުއެވެ.