Banner Image Description

އާރުޓީއެލް ދަތަރުތައް ހއ އަތޮޅުގައި ފަށައިފި

މުޙައްމަދު އަކުރަމް

“ރާއްޖެ ޓްރާންސްޕޯޓް ލިންކް” (އާރުޓީއެލް) ގެ ދަތުރުތައް ހއ އަތޮޅުގައި ފަށައިފިއެވެ. މިއަދުން ފެށިގެން 30 ޖޫން އާއި ހަމަޔަށް މިނިޒާމްގެ ދަށުން ދަތުރުކުރުމަށް ފީއެއް ނުނަގާނެއެވެ. ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން އެރަށެއްގެ ކައުންސިލް މެދުވެރިކޮށް ޖާގަހޯދޭއިރު މިމުއްދަތުގައި ކުރާދަތުރުތަކަށް ކޮންމެ ރަށަކަށްވެސް ކަނޑައަޅާފައިވަނީ 10 ޖާގައެވެ.

އިހަވަންދޫ ކައުންސިލުން އިއުލާންކޮށްފައިވާގޮތުގައި މިމުއްދަތުގައި އާރުޓީއެލް ފެރީން ދަތުރުކުރައްވަން ބޭނުންވާ ފަރާތްތަކުން، ދަތުރު ކުރައްވަން ބޭނުންވާ ދުވަހުގެ ކުރީދުވަހުގެ  9:00 އާއި 14:00 އާއި ދެމެދު އެކައުންސިލްގެ ނަންބަރު 9990627 އަށް ގުޅައި ނަންނޯޓް ކުރަންޖެހެއެވެ.

ހައި ސްޕީޑް ފެރީގެ ޚިދުމަތްދޭ އާރުޓީއެލް ފެރީގެ ނިޒާމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދެކެވެ. އެގޮތުން ސްޓްރެޓެޖިކް އެކްޝަން ޕްލޭން 2019އިން، 2023ގައި މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށް ޕަބްލިކް ފެރީގެ ނިޒާމެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

ރާއްޖެ ހައިސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން އާރް.ޓީ.އެލް ޚިދުމަތް އެންމެ ފުރަތަމަ ފަށާފައިވަނީ ހދ.އަތޮޅުގައެވެ. މުޅި ރާއްޖެ ހަ ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ ހައިސްޕީޑް ފެރީގެ ޚިދުމަތުގައި ބޭނުންކުރާ ފެރީތަކަކީ ސްޕީޑް އަވަސް ބޮޑެތި ފެރީތަކެކެވެ.

އެއަރކޯން ކޮށްފައިވާ މި ފެރީތަކަކީ ދަތުރުކުރާ ފަރާތްތަކަށް އަރާމު އަދި ފަސޭހަ އަދި އެއްފަހަރާ 50 މީހުންނަށް ދަތުރު ކުރެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ ލޯންޗް ފެރީ ތަކެކެވެ.މީގެއިތުރުން މި ލޯންޗު ތަކަކީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަރާ ފޭބުމުގައި ފަސޭހަކަމާއިއެކު ބޭނުން ކުރެވޭނެ ފެންވަރު ރަނގަޅު ފެރީ ތަކެކެވެ.