ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވެސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ ދިވެހި ޕްރިއާމް ލީގް ކޮލިފިކޭޝަންގެ ނޯރތް ލީގުގައި ބައިވެރިވާ އިހަވަންދޫ ޓީމް ދިއްދޫއާ ދެކޮޅަށްކުޅުން ދެވަނަ ލެގްގެ މެޗްގައި، ފަހަތުންއަރައި ދިއްދޫއިން އިހަވަންދޫ ބަލިކޮށްފިއެވެ. ދިއްދޫ ދަނޑުގައި މިއަދު ހަވީރުކުޅުނު މިމެޗް ދިއްދީ ޓީމުން ކާމިޔާބުކުރީ 4-1 ލަނޑުންނެވެ.
މެޗްގެ ފުރަތަމަ ހާފްގައި އިހަވަންދޫ ޓީމްގެ ފަރާތުން ރަނގަޅުކުޅުމެއްވަނީ ފެނިގެންގޮސްފައެވެ. މިމެޗްގެ ފުރަތަމަ ގޯލް ކާމިޔާބުކުރީ އިހަވަންދޫ ޓީމުންނެވެ. އެޓީމުން މިގޯލް ކާމިޔާބުކުރީ އެޓީމަށް ލިބުނު ޕެނަލް ޓީއަކުން ފުރަތަމަ ހާފްގެ 19 ވަނަ މިނެޓްގައި، އިހަވަންދޫ ޓީމްގެ ޖާޒީނަންބަރު 14 މުހައްމަދު ފާރިޝް އިބްރާހިމްއެވެ. މިޕެނަލްޓީއަކީ އިހަވަންދޫ ޓީމްގެ ފާރިޝްއަށް ދިއްދޫގެ ޕެނަލްޓީއޭރިޔާގެ ތެރެއިން ދިއްދޫ ކުޅުންތެރިޔަކުކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީއެކެވެ.
އިހަވަންދޫ ޓީމަށް ލީޑް މާކަ ގިނަވަގުތަކު ދެމެހެއްޓޭގޮތެއްނުވިއެވެ. ދިއްދޫ ޓީމްގެ ޖާޒީނަންބަރު 29 ހުސައިން ޒިމްޔާން ވަނީ މެޗްގެ 21 ވަނަ މިނެޓްގައި ބޮލުން ޖަހައި ގޯލެއް ކާމިޔާބުކޮށްފައެވެ. ދިއްދޫޓީމުން މިމެޗްގައި ފުރަތަމަ ފަހަރަށް ލީޑްނެގީ ފަހުހާފުގެ 4 ވަނަ މިނެޓަގައި އެޓީމްގެމުހައްމަދު ނައުޝާދު އެވެ. ދިއްދޫޓީމަށް ލީޑް ފުޅާކޮށްދިނީ މެޗްގެ ފަހު ހާފުގެ 16 ވަނަ މިނެޓްގައި އެޓީމްގެ ޖާޒީ ނަންބަރު 7 ތަހްމީން ނޫހު ކާމިޔާބުކޮށްދިން ހިއްގައިމު ގޯލުންނެވެ. އެޓީމްގެ 4 ވަނަ ގޯލް ކާމިޔާބުކުރީވެސް 3 ވަނަ ގޯލް ކާމިޔާބުކުރި ތަހްމީން އެވެ. ތަހްމީން މިގޯލް ކާމިޔާބުކުރީ ފަހު ހާފްގެ 26 ވަނަ މިނެޓްގައެވެ.
މިމުބާރާތުގެ ފުރަތަމަ ލެގްގައި މިދެޓީމް ބައްދަލުކުރިމެޗް 1-1 އިންވަނީ އެއްވަރުވެފައެވެ. މިއަދުގެ މޮޅާއިއެކު ދިއްދޫ ޓީމުވަނީ 13 ޕޮއިންޓާއިއެކު ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލާފައެވެ. މިއަދުގެ ބައްޔާއިއެކު އިހަވަންދޫ ޓީމަށްވަނީ މުބާރާތުގައި ކުރިޔަށްދިޔުމަށް އަމިއްލަ ބާރު ގެއްލިފައެވެ. އިހަވަންދޫ ޓީމުއޮތީ 3 ޕޮއިންޓާއިއެކު ތާވަލްގެ 4 ވަނާގައެވެ.
މިމުބާރާތުގައި އިހަވަންދޫ ދެން ނުކުންނާނީ ނެއްލައިދޫއާއި ދެކޮޅަށެވެ. އެމެޗްކުޅޭނީ މިމަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 16:00 ގައި ދިއްދޫ ދަނޑުގައެވެ. މިދެޓީމް ފުރަތަމަ ލެގްގައި ބައްދަލުކުރިމެޗް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެފްއޭ މޯލްޑިވެސް ނޯތް ލީގްގައި ބައިވެރިވެފައިވަނީ 16 ޓީމެކެވެ. 16 ޓީމް ހަތަރު ގްރޫޕަކަށް ބަހާލިއިރު ހއ އަތޮޅުން މިމުބާރާތުގައި ބައިވެރިވާ ދިއްދޫ ޓީމާއި އިހަވަންދޫ ޓީމް ހިމެނިފައިވަނީ ގްރޫޕް އޭ ގައެވެ. މި ދެ ޓީމްގެ އިތުރުން އެގްރޫޕްގައި ހިމެނެނީ ހަނިމާދޫ، ނެއްލައިދޫ އަދި ކުޅުދޫފުއްޓެވެ. ގްރޫޕްގެ އޭގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ދިއްދޫ އަދި ހަނިމާދޫގައެވެ. ދެރައުންޑަށްކުޅޭ ގްރޫޕް ސްޓޭޖް މެޗްތައް ކުޅެ ނިމޭނީ ޖުލައި މަހުގެ 4 ވަނަ ދުވަހުއެވެ.