ގޯތި ދިނުމާބެހޭ މައްސަލައެއް ކޯޓުގައި

ޢަބުދުﷲ ޙަމީދު

ހއ. އިހަވަންދޫން ބަންޑާރަ ގޯތި ދޫކުރުމަށް އިހަވަންދޫ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގޯއްޗަށް އެދިފައިވާ ފަރާތަކުން އިހަވަންދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލައެއް ހުށައަޅާފައިވާކަން އެނގިއްޖެއެވެ.

މިކަން އިހަވަންދޫ ކައުންސިލްގެ ރައީސް ވަނީ މިނޫހަށް ކަށަވަރުކޮށްދެއްވާފައެވެ.

ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ރަޝީދު މިއަދު މިނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ، ގޯއްޗަށް ކުރިމަތިލީ ފަރާތެއް، އެފަރާތުގެ ހައްގު ގެއްލިފައިވާކަމަށް ބުނެ ކޯޓަށް މައްސަލައެއް ހުށައަޅާފައިވާ ކަމަށާ އެމައްސަލައިގެ އަޑުއެހުމެއް މިދިޔަ ބުރާސްފަތި ދުވަހު ބާއްވާފައިވާ ކަމަށެވެ.

އެފަރާތުން ވަނީ ގޯތި ދިނުމުގެ މަސައްކަތް ހުއްޓުވާދިނުމުގެ ކޯޓު އަމުރަކަށް އެދިފައިކަމަށާއި ނަމަވެސް އިއްޔެ (އާދިއްތަ ދުވަހު) ކޯޓުން ނިންމާފައި ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށްކަން ރަޝީދު ފާހަގަކުރެއްވިއެވެ.

މުޙައްމަދު ރަޝީދު ވިދާޅުވީ، ގޯއްޗަށް އެދިލައްވާފައިވާ ފަރާތުން ކޯޓަށް ހުށައަޅާފައިވަނީ ކުރެވޭނެ ދައުވާއެއް ކަމަށް ނުދެކޭ ކަމަށާއި އެކަން ކައުންސިލުން ކޯޓުގައި ފާހަގަ ކޮށްފައިވާނެ ކަމަށެވެ.

ގޯއްޗަށް އެދުނު ދެމަފިރިންގެ ތެރެއިން އަނބިމީހާ، ކޯޓުގައި ކުރާ ދައުވާ އަކީ އޭނާގެ ފިރިމީހާގެ ނަމުގައި އޮތް ގޯއްޗެއް އެއީ އަނބިމީހާގެ ތަނެއް ނޫންކަމަށް ދޭހަކޮށްދިނުމަށްޓަކައި ކުރާ ދައުވާއެއްކަން ފާހަގަ ކުރައްވާ ރަޝީދު ވިދާޅުވީ، ގޯތި ދިނުމުގެ އުސޫލުގައިވާގޮތުން ފިރިމީހާގެ ބިމެއް އޮންނަނަމަ ޕޮއިންޓު އުނިވާނެ ކަމަށާ ގޯއްޗަށް އެދޭ ފޯމުގައިވާ އިޤުރާރުގައިވާ ގޮތުން ފޯމު ބާތިލް ވާނެ ކަމަށެވެ. ނަމަވެސް ކައުންސިލުން މިގޮތަށް ހުރި އެއްވެސް ފޯމެއް ބާތިލް ނުކުރިނަމަވެސް، ޕޮއިންޓު އުނިކޮށްފައިވާނެ ކަމަށް ރަޝީދު ވިދާޅުވިއެވެ.

އިހަވަންދޫން ގޯތި ލިބޭ ފަރާތްތަކުގެ ގޯތީގެ ބޮލުކު ގުރުނެގުމާ އެކު ގޯތި ލިބުނު ކަމުގެ ލިޔުން މިމަހުގެ 13 ވަނަ ދުވަހުގެރޭ ވަނީ ހަވާލުކޮށްފައެވެ.