Banner Image Description

އިހަވަންދޫން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމު ކޮށްފި

ޢަބުދުﷲ ޙަމީދު

ހއ. އިހަވަންދޫން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމު ކޮށްފިއެވެ.

އިހަވަންދޫ ކައުންސިލުން މިރޭ މިރޭ ދިވެހި ސަރުކާރުގެ ގެޒެޓުގައި އާއްމުކޮށްފައިވާ 200 މީހުންގެ ލިސްޓަކީ އިހަވަންދޫން ގޯއްޗަށް އެދި ހުށައެޅި ފަރާތްތަކުގެ ތެރެއިން ގޯތި ދިނުމުގެ ކަންކަން ބަލަހައްޓާ ކޮމެޓީން ބަލަންޖެހޭ އެންމެހާ ކަންތައްތައް ބެލުމަށްފަހު އާއްމު ކުރި ލިސްޓެކެވެ.

މިގޮތުން، ގޯއްޗަށް އެދި ހުށައެޅި 457 ފަރާތުގެ މައުލޫމާތު ސާފުކޮށް، ޕޮއިންޓު ދިނުމަށް ހަމަޖެހިފައިވާ އުސޫލުން ޕޮއިންޓު ދިނުމުގެ އިތުރުން ދިރިއުޅުމަށްޓަކައި، ހއ. އިހަވަންދޫއިން ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކަށް ނުވަތަ އެފަރާތްތަކުގެ އަނބި/ފިރިމީހާއަށް ރާއްޖޭގެ އެއްވެސް ރަށަކުން 600 އަކަފޫޓް ހަމަވާ ނުވަތަ އެއަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ނުވަތަ ސަރުކާރުން ދޫކުރާ ފުލެޓެއް ނުވަތަ ހައުސިންގ ޔުނިޓެއް ލިބިފައިވޭތޯއާއި އަދި ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާޢިދުގެ ބޭނުމަށްޓަކައި ބޯހިޔާވަހިކަމުގެ ތަނަވަސްކަން ބެލުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށްޓަކައި އިޢުލާންކުރާ ތާރީޚުގައި ތަރިކައިގެ އުޞޫލުން އެއްވެސް ތަނެއް އެފަރާތްތަކަށް ލިބުމުގެ ޝަރުޠު ފުރިހަމަވެފައިވާނަމަ ތަރިކައިގެ މައްސަލަ ޝަރީޢަތް މެދުވެރިކޮށް ނިންމާފައިވޭތޯ ސިޓީ ކައުންސިލްތަކުންނާއި ރަށުކައުންސިލް ތަކުންނާއި މިނިސްޓްރީ އޮފް ހައުސިން އެންޑް އާރބަން ޑިވެލޮޕްމަންޓުންނާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުންނާއި ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުން ބަލާފައި ވެއެވެ.

https://www.gazette.gov.mv/iulaan/download-attachment/23328

އިހަވަންދޫއިން ގޯތި ދޫކުރުމަށް ހަމަ ޖެހިފައިވަނީ ޕްރީ ސްކޫލު ގޯތީގެ ހުޅަނގުނގު މަގާއި އިރުމަތީ މަގާއި ހަވީރީ ހިނގުމާއި ދެމެދުން ޕްރީ ސްކޫލް ގޯތީގެ އުތުރުން، ރާދަ ހިނގުމާއި ދެމެދު ސަރަހައްދުން ނެގޭ ގޯތި ތަކާއި، މުތީ ގޯޅީގެ ހުޅަނގުން ނޫރާނީ މަގުގެދެކުނުން ކަތީބުކަލޭފާނު މަގުގެ އިރުން އޮތް ބިމުން ނެގޭ ގޯތިތަކާއި އަދި ކަތީބު ކަލޭފާނު މަގުގެ ހުޅަނގުން ނޫރާނީ މަގުގެ ދެކުނުން އޮތް ސަރަހައްދުން  1600 އަކަފޫޓުގެ 200 (ދުއިސައްތަ) ގޯއްޗެވެ.

އިހަވަންދޫ ކައުންސިލުން ކުރިން މައުލޫމާތު ދީފައިވާ ގޮތުން އިހަވަންދޫން ގޯތި ދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ދެން ކުރިއަށް އޮންނާނީ ބޮލޮކު ގުރުނެގުމުގެ މަސައްކަތެވެ.