އައި.ޑަބުލިއު.ސީ.ޖީގެ ކޮއްކޮމެންގެ މަދަހަ މުބާރާތް ފެށިގެން ކުރިއަށް ދަނީ...

މުޙައްމަދު އަކުރަމް

އިހަވަންދޫ ވިމެންސް ކޮމިޔުނިޓީ ގުރޫޕް (އައި.ޑަބްލިއު.ސީ.ޖީ) ގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ އޮންލައިން މަދަހަ މުބާރާތް ފެށިއްޖެވެ.

އައި.ޑަބްލިއު.ސީ.ޖީގެ ރަސްމީ ފޭސްބުކް ޕޭޖުން މަދަހަތަކުގެ ވީޑިއޯ 2020 ޖޫން 1 ވަނަ ދުވަހު އަދާހަމަ ކުރެވެމުންދާއިރު، މިމުބާރާތުގައި ތަފާތު 3 އުމުރުފުރާއަކުން 23 ކުދިން ވަނީ ބައިވެރިވެފައެވެ. އެގޮތުން، 3-5 އަހަރާ ދެމެދު އުމުރުފުރާއިން 3 ކުދިންނާއި، 5-7 އަހަރާ ދެމެދު އުމުރުފުރާއިން 14 ކުދިން އަދި 7-9 އަހަރާ ދެމެދު އުމުރުފުރާއިން 6 ކުދިންވަނީ ބައިވެރިވެފައެވެ. މިއަހަރުގެ އޭޕްރީލް މަހު މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވި، މަދަހަތައް ފޮނުވުމުގެ ސުންގަޑި ވަނީ މެއި މަހުގެ 30 ވަނަ ދުވަހަށް ހަމަވެފައެވެ.

އިހަވަންދުއަށް ނިސްބަތްވާ ކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި މަދަހަ މުބާރާތުގެ މެއިން ސްޕޮންސަރ އަކީ އިހަވަންދޫ ހޯމް ކަލެކްޝަންއެވެ. ކޯ-ސްޕޮންސަރުންނަކީ ރަންކުނާ، ޗާރލީ، ހަމަރޯޅިކުރި، އަދި ޕޮއިސްއެވެ. ޓެކްނިކަލް ޕާޓްނަރ އަކީ އޭ.އެސް.ޕީ ސްޓޫޑިއޯ އާއި ހަބޭސް ބޮޑުބެރު ގުރޫޕެވެ. ޕްރިންޓިން ޕާޓްނަރއަކީ ކަލަރ ޑްރޮޕެވެ.

އައި.ޑަބްލިއު.ސީ.ޖީގެ ރައީސާ ވިދާޅުވަނީ، މިފަދަ މުބާރާތެއް ކުރިއަށް ގެންދެވެނީ ވަރަށް ގިނަ ބައެއްގެ ދީލަތި އެހީތެރިކަމާއެކުއެވެ. ” މުބާރާތުގެ ބައިވެރިންގެ ބެލެނިވެރިންނާއި،ފަނޑިޔާރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކުރަން. ހާއްސަކޮށް މުބާރާތް ސްޕޮންސަރ ކޮށްދެއްވި ފަރާތްތައްވެސް ފާހަގަކުރަން. މިކަހަލަ މުބާރާތްތައް މިގުރޫޕުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފަވަނީ. މީ ފެށުމެއް” އައި.ޑަބްލިއު.ސީ.ޖީގެ ރައީސާ، ފާތިމަތު ޝާއިރާ ވިދާޅުވިއެވެ.

އައި.ޑަބްލިއު.ސީ.ޖީ ކޮއްކޮމެންގެ މަދަހަ މުބާރާތުގެ، މުޅި  މުބާރާތުން އެއްވަނަ އަށްދާ ކުއްޖަކަށް ހަބޭސް ބޮޑުބެރު ގުރޫޕްގެ މަދަހަ އަލްބަމަށް މަދަހަ ކިޔުމުގެ ފުރުސަތުވަނީ އެގުރޫޕްގެ ފަރާތުން ދީފައެވެ. މިމުބާރާތަށް އިނާމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި މިޖޫން މަހު މުބާރާތުގެ ނަތީޖާ ފާޅުކުރެވިގެންދާނެކަމަށް އައި.އަބުލިއު.ސީ.ޖީގެ ކޯޑިނޭޓަރ ހަލީމަތު ހުރާސަތު ވިދާޅުވެއެވެ.

މިއީ، މަދަހަ  މުބާރާތެއް އޮންލައިންކޮށް އިހަވަންދޫގައި ކުރިއަށްގެންދެވޭ ފުރަތަމަ ފަހަރެވެ.