ހަމަރޯޅި ހިޔާ ފަޅާލައި ވައްކަންކޮށްފި

ޢަބުދުﷲ ޙަމީދު

ހއ. އިހަވަންދޫގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރަމުން އަންނަ ހަމަރޯޅި ކުރީގެ ދެވަނަ ފިހާރަ، ހަމަރޯޅި ހިޔާ ފަޅައިލައި އެތަނުން ވައްކަން ކޮށްފިއެވެ.

މިނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފިހާރަ ފަޅާލައިފައިވަނީ މިރޭގެ ދެނަމާދު ދޭތެރޭގެ ވަގުތެއްގައެވެ.

މި މައްސަލައިގެ މައުލޫމާތު މިނޫހަށް ދެއްވަމުން ފުލުން މީޑިއާ އޮފިޝަން ވިދާޅުވީ އިހަވަންދޫގެ ފިހާރައެއް ފަޅައިލައި ވައްކަންކޮށްފައިވާ މައްސަލަ މިރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާކަށާއި އެ ފިހާރައިން 25000 (ފަންސަވީސް ހާސް) ދިވެހި ރުފިޔާ ވަގަށް ނަގާފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން މިހާރު ތަޙުޤީގު ކުރަމުންދާއިރު މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު އަދި ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.

ފިހާރާގެ ވެރިފަރާތުން މިނޫހަށް މައުލޫމާތު ދިން ގޮތުގައި ފިހާރައިން ވައްކަން ކޮށްފައިވަނީ ފިހާރައިގެ ދޮރު ހަލާކުކޮށްލައިގެންނެވެ. ވެރިފަރާތުން ހާމަކޮށްފައިވާގޮތުގައި ފިހާރައިގައި ހުރި ފައިސާގެ އިތުރުން އިތުރު އެއްޗެއް ވަގަށް ނެގި ކަމަށް ފާހަގަ ކުރެވިފައި ނުވެއެވެ.