ކޮވިޑް-19 އަށް އިހަވަންދޫއިން މިހާތަނަށް ޓެސްޓްކުރި ފަރާތްތައް އެބައްޔަށް ނައްސި ވެފައިވާކަމަށް އިހަވަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ މުޙައްމަދު ޝިފާޢު ވިދާޅުވެއެޖެއެވެ.
ކާވިޔާ ބޯޓުން ދަތުރުކުރި އުލިގަމު މީހެއް ކޮވިޑް-19 އަށް ފައްސިވުމާއެކު ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އިހަވަންދޫގައި ގިނަ ފިޔަވަޅުތަކެއް އަޅައި ރައްޔިތުންގެ އަސާސީ އަދި ޒަރޫރީ ބޭނުންތައް ފުއްދައި ދިނުމަށް ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އަދި ކާވިޔާ ބޯޓުން ދަތުރުކުރި ފަރާތްތައް ބައްޔަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގާފައިނުވާތީ ރައްޔިތުން ކަންބޮޑުވުން ފާޅުކުރި ހިނދު، މެންބަރުވަނީ ވަގުތު ޖެހުމުން ޓެސްޓު ކުރަންޖެހޭ ފަރާތްތައް ޓެސްޓު ކުރާނެކަމަށް ވިދާޅުވެފައެވެ.
ބޯޓުން ދަތުރުކުރި ފަރާތްތައް އެފަރާތްތަކުގެ ގެތަކުގައި އެކަހެރިކޮށް ބައިތިއްބާތާ 13 ވަނައަށް ވީދުވަހު (އެޕްރީލް 27 ވަނަ ދުވަހު)، އެހުރިހައި ފަރާތްތަކެއް ވަނީ ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގައިފައެވެ. އަދި އެ ޓެސްޓުތަކުގެ ނަތީޖާ ކޮވިޑް-19 އަށް ނައްސި ވުމާއެކު ކަރަންޓީމުގެ މުއްދަތަށް 14 ދުވަސް ހަމަވުމުން އެއިރު އިހަވަންދޫގައި އަޅާފައިވާ ފިޔަވަޅުތަކަށް އޭޕްރީލް 30 ވަނަ ދުވަހުން ފެށިގެން ވަނީ ލުޔެއް ދީފައެވެ.
ނަމަވެސް ކާވިޔާ ބޯޓުން ދަތުރުކުރި ތަކަންދޫ 3 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާކަމަށް މޭ 1 ވަނަ ދުވަހު އެޗް.ޕީ.އޭ އިން އެންގުމާ ގުޅިގެން މޭ 2 ވަނަ ދުވަހުން ފެށިގެން މޭ 9 އާ ހަމައަށް އަނެއްކާވެސް އިހަވަންދޫގައި ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އިތުރު ފިޔަވަޅުތަކެއްވަނީ އަޅައިފައެވެ.
އަދި ކާވިޔާ ބޯޓު މާލެއިން ފުރައިގެން އިހަވަންދުއަށް އައިތާ 21 ވަނައަށް ވީދުވަހު (މޭ 5 ވަނަ ދުވަހު)، އެބޯޓުން އިހަވަންދޫއަށް ދަތުރުކުރި ހުރިހައި ފަރާތްތަކެއްގެ ސާމްޕަލް ދެވަނަ ފަހަރަށްނަގައި ކޮވިޑް-19 އަށްވަނީ ޓެސްޓްކޮށްފައެވެ. މިޓެސްޓްތަކުގެ ނަތީޖާވެސް ކޮވިޑް-19 އަށް ވަނީ ނައްސިވެފައެވެ.
ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް އިހަވަންދޫން 38 ފަރާތެއްގެ ސާމްޕަލްވަނީ ނަގައިފައެވެ. އޭގެތެރޭގައި ކާވިޔާ ބޯޓުން ދަތުރުކުރި 37 ފަރާތް ހިމެނެއެވެ. މި ސާމްޕަލްތައް ނެގުމުގައި ހަރަކާތްތްރި ވެފައިވަނީ އާމިނާ ދިޔޯ ސިއްޙީ މަރުކަޒުގެ މުވައްޒަފުންނެވެ.