ދެވަނަ ފަހަރަށް ކޮވިޑް-19 އަށް ޓެސްޓުކުރުމަށްޓަކައި ކާވިޔާބޯޓުން އިހަވަންދޫއަށް ދަތުރުކުރި އެންމެންގެ ސާމްޕަލް ރޭ ނަގައިފިއެވެ.
ރޭ 10:30 އިން ފެށިގެން މެންދަމު 2:30 އަށް ދެމިގެންދިޔަ ސާމްޕަލް ނެގުމުގެ މަސައްކަތުގައި ހަރަކާތްތެރިވެފައިވަނީ އާމިނާދިޔޯ ސިއްހީމަރުކަޒުގެ މުވައްޒަފުންނެވެ. ރޭ ވަނީ 37 މީހެއްގެ ސާމްޕަލް ނަގާފައެވެ.
ކާވިޔާ ބޯޓު މާލެއިން ފުރައިގެން އިހަވަންދުއަށް އައިތާ އިއްޔެއަށް ވަނީ 21 ދުވަސް ވެފައެވެ. ބޯޓުން ދަތުރުކުރި ފަރާތްތައް ކޮވިޑަށް ޓެސްޓް ކުރުމަށް ފުރަތަމަ ސާމްޕަލް ނެގީ އެ ބޯޓު މާލެއިންއައިތާ 13 ވަނަ ދުވަހު، އޭޕްރީލް 27 ވަނަ ދުވަހުއެވެ.
އެފަހަރު ނެގި ސާމްޕަލްތައް ކޮވިޑް-19 އަށް ނައްސިވުމުން، ކާވިޔާ ބޯޓުން ދަތުރުކުރި އުލިގަމު މީހަކު ކޮވިޑް-19 އަށް ފައްސިވުމާއެކު އިހަވަންދޫގައި އަޅާއިފާވާ ފިޔަވަޅުތަކަށްވަނީ ލުއިތަކެއް ދީފައެވެ. ނަމަވެސް ހަމަ އެބޯޓުން ދަތުރުކުރި ތަކަންދޫ 3 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާކަން މޭ 1 ވަނަ ދުވަހު އެޗް،ޕީ.އޭ އިން އެންގުމާއެކު އިހަވަންދޫގައި ރައްޔިތުން އަމަލުކުރަންވީ ގޮތުގެ އުސޫލަށް ބަދަލުގެނެސް ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައިވަނީ އިތުރު ފިޔަވަޅުތަކެއް އަޅައިފައެވެ.
އިހަވަންދޫ ކޮވިޑު-19 ޓާސްކްފޯސްގެ އެންގުމާއެކު ކާވިޔާބޯޓުން ދަތުރުކުރި އެންމެހާ ފަރާތްތައް މިދިޔަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން އަދިވެސް ތިބީ އެފަރާތްތަކުގެ ގެތަކުގައި އެކަހެރިވެގެންނެވެ.