މިދިޔަ މަހު 15 ގައި މާލެއިން އިހަވަންދޫއަށް އައި ކާވިޔާބޯޓުން ދަތުރުކުރި ތަކަންދޫ 3 މީހަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން އިހަވަންދޫގައި އިތުރު ފިޔަވަޅުތަކެއް އަޅައިފިއެވެ.
ކާވިޔާ ބޯޓުން ދަތުރުކުރި ތަކަންދޫގެ 36 މީހުން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގާފައިވާއިރު އެ ސާމްޕަލްތަކުގެ ތެރެއިން 3 މީހެއްގެ ސާމްޕަލް ފައްސިވެފައިވާކަމަށް އެޗް.ޕީ.އޭ އިން އަންގާފައިވަނީ މިއަދުއެވެ. ފައްސިވި މީހުންގެ ތެރޭގައި ކުޑަ ކުއްޖަކާއި އެކުއްޖާގެ މަންމެގެ އިތުރުން އަންހެނަކު ހިމެނެއެވެ. މި ތިންމީހުން އައިލެންޑް ހައިޑްއަވޭ އެޓް ދޮނަކުޅި ރިސޯޓަށް ގެންދިއުމުގެ މަސައްކަތްދަނީ ކުރެވެމުންނެވެ.
ކާވިޔާ ބޯޓުން އިހަވަންދޫއަށް ދަތުރުކުރި 37 މީހުން ކޮވިޑް-19 އަށް ޓެސްޓުކުރުމަށްނެގި ސާމްޕަލްތައް ނައްސިވެ، ކަރަންޓީނުގެ 14 ދުވަސް ހަމަވުމާއެކު މިދިޔަ މަހުގެ 30 ވަނަ ދުވަސް (އިއްޔެ) އިން ފެށިގެން އިހަވަންދޫގެ ފުރަބަންދަށްވަނީ ކައުންސިލުން ލުއިތަކެއް ދީފައެވެ. ނަމަވެސް، އެބޯޓުން ދަތުރުކުރި ތަކަންދޫގެ 3 މީހަކު މިއަދު ކޮވިޑް-19 އަށް ފައްސިވުމާއެކު މާދަމާ(2020 މެއި 02) އިން ފެށިގެން 2020 މެއި 9 އާ ހަމައަށް އިހަވަންދޫގެ ރައްޔިތުން ޢަމަލުކުރަންވީ ގޮތުގެ އުޞޫލު ކައުންސިލުން މިހާރުވަނީ އާންމުކޮށްފައެވެ. އަދި މި އުޞޫލުތަކާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށްވަނީ އަންގައިފައެވެ.
އެގޮތުން އަޅާފައިވާ ފިޔަވަޅުތަކަކީ:
- ޒަރޫރީ ހާލަތެއްގައި ނޫނީ ގެއިން ބޭރަށް ނުދިއުން. (މިފަދަ ހާލަތެއްގައި ބޭރަށްދާއިރު ކައުންސިލުން ދޫކޮށްފައިވާ ފާސް ފެންނާނެހެން އަޅައިގެން ހުރުން)
- ފިހާރަތައް ހުޅުވާ ގަޑިއަކީ ހެނދުނު 9:00 އިން ހަވީރު 17:00 އަށް ކަމަށް ހަމަޖެއްސުން. އަދި ގައިދުރުކަން ކަށަވަރުވާނެ ގޮތަށް ވިޔަފާރިކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއެކު އެއްފަހަރާ 4 (ހަތަރެއް) ފަރާތަށްވުރެއް ގިނަ ނުވާގޮތަށް ފިހާރަތަކުން ޚިދުމަށް ދިނުން. އަދި އެޗް.ޕީ.އޭގެ ލަފަޔާ އެއްގޮތަށް ފިހާރަތައް ދުވަހުން ދުވަހަށް ޑިސްއިންފެކްޓްކުރުން.
- އުމްރާނީ މަސައްކަތްކުރާ ފަރާތްތަކަށް ކައުންސިލުން ދޫކުރާ ހުއްދައިގެ ދަށުން މަސައްކަތްކުރުން.
- ސައި ހޮޓާތައް އާންމުކޮށް ހުޅުވައިނުލާ، ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދިނުން.
- ޒަރޫރީ ބޭނުންތައް (ބޭސް ފަރުވާގެ ޚިދުމަތް، ކާބޯތަކެތީގެ ޚިދުމަތް، ތެލާއި ގޭސް) ފިޔަވައި އެއްރަށުން އަނެއްރަށަށް ދަތުރު ނުކުރުން. މިފަދަ ބޭނުންތަކަށް އިހަވަންދޫއަށް އަންނަ ފަރާތްތަކަށް ރަށަށްއެރުން މަނާ. އަދި އެފަރާތްތަކުގެ ދޯންޏާހަމައަށް ފިހާރަތަކުން ގަންނަ ތަކެތި ގެންގޮސް ދިނުން.
- ގޭބަސީތަކަށް ދޫކޮށްފައިވާ ފާސް ބޭނުންކޮށްގެން، ފަތިހު 5:00 އިން މެންދުރު 12:00 އަށް ފަޅުތެރޭގެ މަސްވެރިކަމަށް ފުރުސަތު ދިނުން.
- ފަރުމަސްވެރިކަމަށް އެދި މޮނިޓަރިންގ ޑެސްކަށް ހުށަހަޅާ ތަރުތީބުން ދުވާލަކަށް 10 (ދިހައެއް) އުޅަނދަށް ހުއްދަ ދިނުން.
- ކައުންސިލުން ދޫކޮށްފައިވާ ފާސް ހިފައިގެން ޒަރޫރީ ބޭނުންތަކުގައި ގެއިން ބޭރަށްދާއިރުވެސް މާސްކު އެޅުން.
Related