Banner Image Description

ހޯރަފުށީ ރައްޔިތުންގެ ފަރާތުން މޮޅަދޫއަށް ކާޑުގެ ބާވަތްތައް ހަދިޔާ ކޮށްފި

ޢަބުދުﷲ ޙަމީދު

ހއ. މޮޅަދޫ ރައްޔިތުންނަށް ކާޑު ލިބުން ދަތިވުމާއި ގުޅިގެން ހއ. ހޯރަފުށީ ރައްޔިތުންނާއި، ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމްގެ ފަރާތުން މޮޅަދޫ ރައްޔިތުންނަށް ކާޑުގެ ބާވަތްތައް ހަދިޔާކޮށްފި ކަމަށް ހޯރަފުށީ ކައުންސިލުން ބުނެފިއެވެ.

ހޯރަފުށީ ކައުންސިލުން ބުނީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި، ހޯރަފުށީ ރައްޔިތުންގެ ނަމުގައި މޮޅަދޫ ރައްޔިތުންނަށް 40 ބަސްތާ ކާޑުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

 

މިގޮތުން ފޯރުކޮށް ދިން 40 ބަސްތާ ކާޑުގެ ތެރޭގައި ހިމެނެނީ 20 ބަސްތާ ފުށާއި، 10 ބަސްތާ ހަންޑުލާއި، 10 ބަސްތާ ހަކުރެވެ.

ހޯރަފުށި ކައުންސިލުން މިކަމާއި ގުޅިގެން މޮޅަދޫ ކައުންސިލަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ ކޯވިޑް-19 އާއި ގުޅިގެން ދަތުރު ފަތުރު ކުރުން ތާށިވެފައިވާ މިހާލަތުގައި، އަދި މޮޅަދޫއިން ކާޑުގެ ބާވަތްތައް ހުސްވެފައިވާ މި ދަނޑިވަޅުގައި އެފަދަ އެހީތެރިކަމެއް ފޯރުކޮށް ދެވުނުކަމީ އެމްޕީ އަހުމަދު ސަލީމަށާއި، ހޯރަފުށީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މޮޅަދޫ ނިސްބަތްވާ އިންތިޚާބީ ދާއިރާއަކީ އިހަވަންދޫ ދާއިރާއެވެ. މޮޅަދޫގެ އާބާދީގައި 245 އަށްވުރެ ގިނަ މީހުން ހިމެނެއެވެ.