ދުވާލުގެ ހަލަބޮލި ކަމަށްފަހު ރަށުތެރެއަށް އަނދިރިކަމާއި ހަމަހިމޭންކަން ގެނުވިތާ ކިތަންމެ އިރެކެވެ. ބޮޑު ގެއެއްގައި އެކަނި މާއެކަނި 10 އަހަރަށްދާ ކުޑަ ކުޑަ މާއިޝް އިންތިޒާރުކުރަމުން އެދަނީ އޭނާގެ ލޯބިވާ މަންމައާއި ބައްޕަ އަށެވެ. އެއީ އާކަމެއް ނޫނެވެ. އިޝާ ނަމާދަށް ފަހު ކޮންމެ ރެއަކުވެސް މާއިޝް އަށް ރޭގަނޑުގެ ކެއުންދީ، މާއިޝް ނިދަން ބާއްވާފައި މާމަ ދަނީ މާމަގެ ގެއަށެވެ. މާމަ ދިއުމުން ސިޓިންގ ރޫމުގައި ކޮންމެ ރެއަކުވެސް މާއިޝް މަންމައާއި ބައްޕައަށް އިންތިޒާރު ކުރެއެވެ.
އިންތިޒާރުގެ ވަގުތުތައް މާއިޝް ގުނަމުންދިޔައިރު އެމައުސޫމު މޫނުމަތިން ފެންނަމުންދަނީ މާޔޫސް ކަމެވެ. މަންމަގެ ފިރުމުންތަކަށް އިންތިހާއަށް ބޭނުންވެފައިވާ ކަމެވެ. ބައްޕަގެ ލޯތްބަށް އެދެމުންދާ ކަމެވެ. އެއް އޮފީހެއްގައި މަސައްކަތް ކުރާތީ މަންމައާއި ބައްޕަ ގެޔަށް އަނަންނީ އެކުގައެވެ. ގަޑިން 10:30 ވާން ކައިރިވެފައި ވަނިކޮށް ގޭދޮރާށި ކައިރީ ސައިކަލެއް މަޑުކުރި އަޑު މާއީޝް އަށް އިވުނެވެ. އެއީ މާއިޝް ބައްޕަގެ ސައިކަލްގެ އަޑުކަން މާއިޝް ޔަޤީން ކުރިއެވެ. އެއްވެސް އިޙްތިޔާރަކާ ނުލައި ގޭގެ ބޮޑު ދޮރު ކައިރިއަށް މާއިޝްއަށް ދުއްވާގަނެވުނެވެ.
ގޭތެރެއަށް ވަދެގެން އައި ޒޫނާ އަށާއި ހުޝާމަށް މާއިޝް ފެނުނެވެ. އެކަކު އަނެކަކުގެ މޫނަށް ބަލާލާފައި ދެފަރާތަށް ބޯހޫރާލި ގޮތުން މަންމައާއި ބައްޕަ ހިތްހަމަ ނުޖެހުނުކަން މާއިޝް އަށް އިނގުނެވެ.
“މަންމަ ބުނީމެއްނު އެހާ ލަސްވަންދެން ކުޑަކުދިން ނުނިދާ ހުންނާކަށް ނުވާނޭ.” ގޭތެރެއިން ފެނުނީ އުއްމީދުކޮށްގެންހުރި މަންޒަރު ނޫންކަމުން ޒޫނާގެ އަޑުގައިވަނީ ހިތްހަމަ ނުޖެހުމެވެ.
“ކީއްވެތަ ދަރިފު މަންމަގެ ބަސް ނާހަނި؟” މާއިޝްގެ އަތުގައި ހިފައިގެން ގޭތެރެއަށް ވަންނަމުން ހުޝާމް ސުވާލުކުރި އެވެ. އަދި ވަރުބަލި ގޮތަކަށް ސޯފާގައި އިށީނދެ އުނގުތެރޭގައި މާއިޝް ބޭންދިއެވެ. ޒޫނާ ގޮސް ވަނީ ކޮޓަރިއަށެވެ.
“ބައްޕާ..! އެއްގަޑިއިރު “ވޯރކް” ކޮށްގެން މަންމަ އާއި ބައްޕައަށް ލިބެނީ ކިތައް ރުފިޔާ؟” ހުޝާމްގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި މާއިޝް ކުރި ސުވާލުން ހިޝާމަށް ހައިރާންކަން ގެނުވިއެވެ. އެ އުމުރުގެ ކުއްޖަކު އެކަހަލަ ސުވާލެއް ކުރުމުގެ އެއްވެސް ބޭނުމެއް ހުޝާމަކަށް ނުވިސްނުނެވެ. އެކަމަކު މާއިޝް އަކީ އެއުމުރުގެ އެހެން ކުދިންނާ ހިލާފަށް ކަންތައްތަކާ ދޭތެރޭ ވިސްނާ، މޮޅެތި ސުވާލުކުރާ ކުއްޖެއްކަން ހުޝާމަށްވަނީ އޭނާގެ މުދައްރިސުންގެ ފަރާތުން ކޮންމެވެސް ވަރަކަށް އެނގިފަ އެވެ.
“50 ރުފިޔާ..! އެކަމު ދަރިފުޅު ކީއްވެ ތިސުވާލު ކުރީ؟” ފޯނުން ހިސާބު ހަދާލުމަށްފަހު ހުޝާމް ޖަވާބު ދިނެވެ.
“ބާއްޕާ، އަޅުގަނޑަށް ލިބިދާނެތަ “ޓްވެންޓީ” ރުފިޔާ؟ މަންމަ އާއި ބައްޕަ “ޓެން” ދިނީމަ “ޓްވެންޓީ” ވާނެ އެއްނު؟” މިފަހަރުވެސް ހުޝާމްގެ ސުވާލަކަށް މާއިޝް އެހާ ސަމާލުކަމެއް ނުދެއެވެ. އަދި ރުފިޔާ ދޭން ބުނުމުން ކޮންމެވެސް ވަރަކަށް ހުޝާމް ހިތްހަމަ ނުޖެހުނެވެ. ހެދުން ބަދަލުކޮށްލައިގެން ޒޫނާ ކޮޓަރިން ނިކުތީ އެވަގުތު އެވެ.
“އަދިވެސް އިނީތަ؟ ދޭބަ މާއިޝް ކޮޓަރީގަ ބާއްވާފަ ކާން އަންނަން.” ޒޫނާ ހުރީ ބަނޑުހައި ވެފައެވެ.
“މާއިޝް އަށް ދިހަ ރުފިޔާ ދޭންވީޔޯ މަންމަ އާއި ބައްޕަވެސް.” މާއިޝް ރުފިޔާ ބޭނުންވެގެން އުޅޭވާހަކަ ޒޫނާގާތު ހުޝާމް ހިއްސާކުރި އެވެ.
“މާމަވެސް މާއިޝް އަށް ރުފިޔާ ދެއެއްނު. މާވާހަކަ ގިނަ ނުކޮށް އަވަހަށް ނިދަން އުޅެމާ. މިހާރު އެހަރަ 11 ޖަހަނި” ހުޝާމުގެ އުނގުން މާއިޝް ނަގަމުން ގަޑިޔަށް ބަލައިލާފައި ޒޫނާ އެދުނީ މާއިޝް ނިދަން ދިއުމަށެވެ. ނުނިދާ މާގިނައިރު ވަންދެން ހުރުމުން މަންމަ ހިތްހަމަ ނުޖެހުނުކަން މާއިޝްއަށް ވިސްނުމުން އިތުރު ސުވާލެއް ނުކޮށް މާއިޝް ގޮސް ވަނީ އޭނާއަށް ހާއްސަ ކޮށްފައިވާ ކޮޓަރިއަށެވެ.
“މާއިޝް ކީއްވެބާ ރުފިޔާ ދޭން އުބުނީ؟ މީގެ ކުރިން މާއިޝް ނުބުނެ ރުފިޔާއެއް ދޭކަށް. ހީވަނި ކޮންމެވެސް މުހިއްމު އެއްޗެއް ބޭނުންވީހެން.” ކާގެ އަށް ދާން ޒޫނާގެ ފަހަތުން ހިނގައިގަތް ހުޝާމް ވިސްނަމުން ދިޔައީ މާއިޝް ގެ ވާހަކަތަކެށެވެ.
“ކުޑަ ކުދިން ބައެއް ފަހަރު އެހެންވެސް އުޅޭނޭ.” ޒޫނާއަކަށް އެކަން އެހާ މުހިއްމު ކަމަކަށް ނުވިއެވެ. ނަމަވެސް ކެއުން ނިންމާފައި ހުޝާމް ބޭނުންވެގެން ޒޫނާ ހުޝާމްއާ އެކު މާއިޝް ކޮޓަރިއަށް ވަނެވެ. އޭރުވެސް މާއިޝް އޮތީ ހޭލާއެވެ.
“އަން ދަރިފުޅާ. މިއޮތީ “ޓްވެންޓީ” ރުފިޔާ. މިއީ މަންމަގެ “ޓެން”. ދެން މިއީ ބައްޕަގެ.” 10 ރުފިޔާގެ ދެ ނޫޓު ވަކިވަކިން މާއިޝް އަށް ދިއްކޮށްލަމުން ހުޝާމް އޯގާތެރިކަމާއެކު ބުނެލިއެވެ. އުފަލުން ހުރެ މާއިޝް އޭގައި ހިފިއެވެ. އަދި އެނދުން ތެދުވެ ދުވެފައި ގޮސް އަލަމާރިން އިތުރު ރުފިޔާ ތަކެއް ނަގާފައެވެ. އެއީ ހަދިޔާގެ ގޮތުގައި މާމަ ދީފައި ހުރި ރުފިޔާއިން ބާކީ މިހާރު އޮތް 30 ރުފިޔާ އެވެ.
“ރުފިޔާ ހުއްޓައި ކީއްވެތަ ރުފިޔާ ދޭން ބުނަނީ. ކުޑަކުދިން ނުވާނެ ރުފިޔާ ގެންގުޅޭކަށް އެއީ ގޯސް ކަމެކޭ” މާއިޝްގެ އެއަމަލާމެދު ޒޫނާ ހިތްހަމައެއް ނުޖެހުނެވެ.
“އަޅުގަނޑު އަތުގައި ކުރިން އޮތީ “ތާރޓީ” ރުފިޔާ. މަންމަ އާއި ބައްޕަ “ޓްވެންޓީ” ދިނީމަ މިހާރު އެހަމަވީ “ފިފްޓީ”. ބައްޕަ ބުނީ މަންމަ އަށާއި ބައްޕައަށް “ވަން އަވަރ” މަސައްކަތް ކޮށްގެން ލިބެނި “ފިފްޓީ” ރުފިޔާއޭ. މިއޮތީ “ފިފްޓީ” ރުފިޔާ. މާދަމާ ރޭ އަޅުގަނޑަށް “ވަން އަވަރ” ހުސްކޮށްދީ. އަޅުގަނޑު ބޭނުން ރޭގަނޑު ކެއުމުގައި އަޅުގަނޑާއެކު މަންމަ އާއި ބައްޕަވެސް ބައިވެރިވާން.” މާއިޝް ގެ އަތުގައި ހުރި ފައިސާތައް ޒޫނާ އަށް ދިއްކޮލުމުން އެފައިސާ ތަކުގައި ހިފަން ނޭނގިފައި ގަނޑުވެފައި ހުރި ކަހަލަ ގޮތަކަށް ޒޫނާ ހުއްޓެވެ. ދަރިފުޅާ މެދު ފަރުވާ ކުޑަކުރެވިއްޖެކަން ވިސްނުމުން ކުރި އަސަރުގެ ސަބަބުންނެވެ.
“ދަރިފުޅާ..” ހުޝާމް އައިސް މާއިޝްގެ ގާގައި ބައްދާލިއެވެ. ފެންކަޅިވެފައި ހުރި ޒޫނާ އަކަށްވެސް ބަލާކަށް ނުހުރެވުނެވެ. މާއިޝްގެ ގާގައި ބާރަށް ބައްދާލެވިއްޖެ އެވެ. ދެން ދުވަހަކުވެސް ދޫނުކޮށްލާނަމޭ ބުނާ ފަދައެވެ. ހުރިހައި ވަގުތެއްވެސް ދަރިފުޅަށްޓަކައި ހުސްކޮށްދޭނަމޭ ބުނާ ފަދައެވެ.
އާއެކެވެ. ދަރިން އެއީ މައިންބަފައިންގެ އަޅާލުމާއި ލޯބި އިންތިހާއަށް ބޭނުންވެފައިވާ ބައެކެވެ. އެ އަޅާލުމާއި ލޯބި ދަރިފުޅަށް ދެވޭނީ ދަރިފުޅާއެކު އެކަށީގެންވާ ވަގުތު ހޭދަކުރެވިގެންނެވެ. މާދަމާ އަހަރެމެން ލޯމަރާލި ކަމުގައި ވިއަސް އަހަރެމެން އަދާކުރާ ވަޒީފާއަށް އެހެން މީހަކު ހަމަޖައްސާނެ އެވެ. އެކަމަކު ސޯލިހު ދަރިޔެއްގެ ހިތުން މަންމަ އާއި ބައްޕަގެ ހަނދާންތަށް ދުވަހަކުވެސް ފުހެވިގެން ނުދާނެއެވެ. މަންމައާއި ބައްޕަ އަށް ރަޙުމަތް ލެއްވުންއެދި އެދަރިފުޅު ތާއަބަދު ﷲ ގެ ހަޟްރަތުގައި ދުޢާ ދަންނަވާނެއެވެ. އެފަދަ ސޯލިހް އަޅަކަށް ތިބާގެ ދަރިފުޅު ހެދޭނީ ދަރިފުޅަށް ރަނގަޅު ތަރުބިއްޔަތެއްދީ ހެވާއި ނުބައި ވަކިކޮށްދީގެންނެވެ. ދަރިފުޅާއެކު ގިނަ ވަގުތު ހޭދަ ކުރެވިގެންނެވެ.
ވަޒީފާއިން ވަކިވެ ލޯބިވާ ދަރިފުޅަށްޓަކައި ހުރިހައި ވަގުތެއް ޒޫނާ ހުސްކުރީ އެކަން ޒޫނާއަށް ވިސްނުމުންނެވެ. އޭނާގެ ލޮލުގެ ފިނިކަން ކަމުގައި އެދަރިފުޅު ވުމަށް އެދޭތީއެވެ.