ދަތުރުފާމަސީން ބޭސް ޑެލިވަރީ ކޮށްދެނީ

ޢަބުދުﷲ ޙަމީދު

ހއ. އިހަވަންދޫ ދަތުރު ފާމަސީން އިހަވަންދޫގެ ގެތަކަށް ބޭސް ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް އަގަކާ ނުލައި ދިނުމަށް ނިންމައިފިއެވެ.

ކޮވިޑު-19 ފެތުރުން ހުއްޓުވުމަށް އިހަވަންދޫގައި އަޅާފަވާ ފިޔަވަޅުތަކުގެ ސަބަބުން ބަލިމީހުންނަށް ބޭސް ލިބުމުގައި މިހާރަށްވުރެ ފަސޭހަކޮށްދިނުމުގެ ބޭނުމުގައި ފާމަސީން ވަނީ ބޭސް ގޭގެއަށް ޑެލިވަރީ ކޮށްދިނުމަށް ނިންމާފައެވެ.

ދަތުރު ފާމަސީގެ ވެރިފަރާތް އަލްފާޟިލް އިބްރާހިމް ރަޝީދު މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބޭސް ޑެލިވަރީ ކޮށްދޭނީ ކޮންމެ ދުވަހަކުވެސް ހެނދުނު 10:00 އިން 11:30 އަށް، މެންދުރުފަހު 13:30 އިން 15:00 އަށް، ހަވީރު 16:30 އިން 17:30 އަށް އަދި ރޭގަނޑު 21:00 އިން 22:00 އަށެވެ. އެމެޖެންސީ ހާލަތްތަކުގައި މިނޫން ގަޑިތަކުގައިވެސް ބޭސް ޑެލިވަރީ ކޮށްދޭނެ ކަމަށް އިބްރާހިމް ރަޝީދު ފާހަގަ ކުރެއްވިއެވެ.

ރައްޔިތުންނަށް ޚިދުމަތްދޭތާ 12 އަހަރުވީ ދަތުރު ފާމަސީން ގިނަ ބޭސްތައް މިހާރުވެސް ލިބެންހުރިކަން ފާހަގަ ކުރައްވަމުން އިބްރާހިމް ރަޝިދު ވިދާޅުވީ، ފުރަބަންދުގެ މުއްދަތު އިތުރުވެ، ދަތުރުފަތުރު ދުރުވާނަމަ ބޭސް ލިބުން ދަތިވާނެ ކަމަށެވެ.

އިހަވަންދޫގައި ފާމަސީގެ ޚިދުމަތް ދެނީ ދެފަރާތަކުން ނެވެ. އެއީ ދަތުރު ފާމަސީއާއި އެސްޓީއޯ ފާމަސީ އެވެ.