ކޮވިޑް-19 އާ ގުޅިގެން އިހަވަންދޫގައި ޤާއިމުކުރާ ރީޖަނަލް އެމެޖެންސީ ސެންޓަރުގެ މަސައްކަތް ބާރަށް ކުރިއަށް

އިބްރާހިމް ނަޝީދު

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުން ދާ ނުރައްކާތެރި ބައްޔެއް ކަމުގައިވާކޮވިޑް-19 (ކޮރޯނާ ވައިރަސް)އާ ގުޅިގެން އިހަވަންދޫގައި ޤާއިމުކުރާ ރީޖަނަލް އެމެޖެންސީ ސެންޓަރުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް އާމިނާދިޔޯ ސިއްހީމަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ އަލްފާޟިލް މުޙައްމަދު އަކުރަމް ވިދާޅުވެއްޖެ އެވެ.

މުޙައްމަދު އަކްރަމް މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އާމިނާދިޔޯ ސިއްހީމަރުކަޒަށް ފަހަށް އިތުރުކުރެވުނު ބަޔާއި ކުރީގައި ބޭނުންކުރި ބައި މިހާރު ދެބަޔަކަށް ބަހާލާފައިވާއިރު، ކޮވިޑަށް ފަރުވާދިނުމަށް ހާއްސަކުރެވޭ އައިސީޔޫ ތައްޔާރު ކުރަމުން ދަނީ މަރުކަޒުގެ ކުރީގެ ބައި މަރާމާތު ކޮށްގެންކަމަށެވެ. ކޮވިޑަށް ހާއްސަ މި ސެންޓަރު ނިމޭއިރު 3 އެނދުގެ އައިސީޔޫއެއް ހުންނާނެކަމަށް މުޙައްމަދު އަކްރަމް މަޢުލޫމާތު ދެއްވިއެވެ.

އިހަވަންދޫގައި ތައްޔާރުކުރާ ރީޖަނަލް އެމެޖެންސީ ސެންޓަރަކީ ރާއްޖޭގެ އުތުރުގެ ދެއަތޮޅުކަމުގައިވާ ހއ. އަދި ހދ. ގެ ރައްތަކުން ކޮވިޑަށް ފަރުވާ ދޭންޖެހޭ ފަރާތްތަކަށް ފަރުވާދިނުމަށް ތައްޔާރުކުރާ މަރުކަޒެކެވެ.