އިހަވަންދޫ ހުވާސް ފިހާރައިން ވަގަށްނެގި ތިޖޫރީ ހޯދައިފި

ޢަބުދުﷲ ޙަމީދު

ހއ. އިހަވަންދޫ ހުވާސް ފިހާރައިން ވަގަށް ނެގި ތިޖޫރީ އިހަވަންދޫ އިރުމަތީ ފަރާތު މޫދުން ހޯދައިފިއެވެ.

އާއްމުންގެ ތެރެއިން ލިބުނު މައުލޫމާތު ތަކުން އެނގޭ ގޮތުގައި ތިޖޫރީ ފެނުނުއިރު ތިޖޫރީ ވަނީ ހުޅުވާފައެވެ. އޭގެ ތެރޭގައި ފައިސާ ހުރިކަމެއް ނުވަތަ ނޫންކަމެއް އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.

މައުލޫމާތު ލިބޭގޮތުގައި ހަވީރު ވަގުތު އިހަވަންދޫގެ މިސްކިތްމަގު މައިޒާންއާ ދިމާ މޫދުގެ ދެފެންދޭތެރޭން ފައިސާ ނޫޓުތައް ފެންނަން ފެށުމުން  ފުލުހުންވަނީ އެސަރަހައްދުގެ މޫދު ފީނާގެން ބަލަން ފަށާފައެވެ. އިއްޔެ ހަވީރުން ފެށިގެން ފުލުހުން ދަނީ އިހަވަންދޫ އިރުމަތީ ފަރާތުން ނޫރާނީމަގާއި ކޮފަލިހިނގުން ހިމެނޭ ސަރަހައްދުގެ ގޮނޑުދޮށް ކޯޑަންކޮށް ހޯދާ ބަލަމުންނެވެ.

މިކަމާ ގުޅިގެން މިހާތަނަށް އަދި ފުލުހުންގެ ބަހެއް ނުލިބޭއިރު، މިއަދު ހަވީރު 5:40 ހާއިރުން ފެށިގެން ފުލުހުން ދަނީ އިހަވަންދޫގެ މިސްކިތްމަގުން ފެށިގެން ނޫރާނީމަގާ ހަމައަށް ގޮނޑުދޮށާއި މޫދު ބަލާ ފާސްކުރަމުންނެވެ.

ފުލުހުން މިސަރަހައްދު ބަލަމުންދާއިރު، އިހަވަންދޫގެ ގެއެއް ބަލާ ފާސްކުރަމުންދާކަމުގެ މައުލޫމާތުވެސް މިނޫހަށް ވަނީ ލިބިފައެވެ.  ފާސްކުރަމުން ދަނީ އިހަވަންދޫގެ އިރު ދެކުނު ފަރާތުގައި ހުރި ގެއެކެވެ.

ހުވާސް ފިހާރަ ފަޅާލައި ވައްކަންކޮށްފައިވާއިރު، އެފިހާރާގެ ފައިސާ ރައްކާކުރާ ތިޖޫރީގައި ހުރި 230000 ރުފިޔާއާއެކު ތިޖޫރީ ވަނީ ވަގަށް ނަގާފައެވެ. އަދި ކޭޝިއަރ ކައުންޓަރގެ ވަތްގަނޑުގައި ހުރި ފައިސާވެސް ވަނީ ވަގަށްނަގާފައެވެ.