ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އިހަވަންދޫގައި ހާއްސަ ހާލަތު އިއުލާން ކޮށް އަޅާފައިވާ ހާއްސަ ފިޔަވަޅުތައް ހަރުކަށި ކޮށްފިއެވެ.
އިހަވަންދޫ ކައުންސިލުން ދާދި ދެންމެ އާއްމުކުރި އިޢުލާނުގައި ވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕްބްލިކް ހެލްތަށް ލިބިގެންވާ ބާރުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވުމާއެކު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 2 މާއްދާގެ ދަށުން، 2020 އޭޕްރިލް 19 ވަނަ ދުވަހު މި އިޢުއުލާން ގޮވާ ވަގުތުން ފެށިގެން، ވަކިގޮތެއް އަންގަންދެން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. މިގޮތުން މި އެންގުން އަންގާ ވަގުތުން ފެށިގެން ގެއިން ބޭރަށް ނިކުމެ އުޅުން މަނާކޮށްފައިވާއިރު، ސައި ހޮޓާ އަދި ވިޔަފާރިތައްވެސް ބަންދުކުރުމަށް ވަނީ އަންގާފައެވެ. އަދި މިހާރު މަސައްކަތް ކުރުމަށް ދޫކޮށްފައިވާ ހުރިހައި ހުއްދަތަކެއް ބާތިލް ވާނެ ކަމަށް ކައުންސިލުން އަންގާފައިވާއިރު، ކައުންސިލުން ވަކި ގޮތެއް އަންގަން ދެން ޒަރޫރީ ބޭނުންތަކުގައިވެސް ބޭރަށް ނިކުމެ އުޅުމަކީ މަނާކަމެއްކަމަށް ކައުންސިލުން ވަނީ އިޢުލާނު ކޮށްފައެވެ.
އެންގުންތަކާ ހިލާފްވާ ފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އެޅޭނެކަމަށް ކައުންސިލުން ބުނެފައިވާއިރު، މިފަދަ ހަރަުކަށި ފިޔަވަޅުތަކެއް އެޅީ ކީއްވެގެންކަން ރަސްމީކޮށް އަދި ލިބޭގޮތެއް ނުވެއެވެ. ނަމަވެސް، މިދިޔަ ހަފުތާގައި އިހަވަންދޫގައި މާލެ ދަތުރުކުރާ ބޯޓެއްކަމަށްވާ ކާވިޔާ ބޯޓުން މާލެއިން ހއ.އުލިގަމަށް ދަތުރުކުރި މީހަކު ކޮވިޑަށް ފައްސި ވެފައިވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.