މާލެ ސަރަޙައްދުން ރަށްތަކަށް ދަތުރުކުރި މީހުން އެކަހެރިވާން އަންގައިފި

ޢަބުދުﷲ ޙަމީދު

މިހިނގާ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ ފަހުން މާލެ ސަރަޙައްދުން ރަށްތަކަށް ދަތުރުކޮށްފައިވާ ފަރާތްތައް އެކަހެރިވާން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

އެޗްޕީއޭއިން މިކަން ހާމަކޮށް މިރޭ ނެރުނު އެނގުމެއްގައި ވަނީ، މިމަހުގެ 15 ވަނަ ދުވަހުގެ ފަހުން މާލެ ސަރަޙައްދުގެ ރަށަކުން ރާއްޖޭގެ އެހެން ރަށަކަށް ދަތުރުކޮށްފައިވާ ފަރާތްތައް 14 ދުވަހުގެ މުއްދަތަކަށް އައިސޮލޭޓު ވާން ޖެހޭނެ ކަމަށެވެ.

ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު ގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް، 12 މާރިޗު 2020 ގައި، މިނިސްޓަރ އޮފް ހެލްތް އިޢުލާނު ކޮށްފައި ވާތީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން، މި ހިނދުން ފެށިގެން، ވަކި ގޮތެއް އަންގަންދެން ބައެއް ފިޔަވަޅުތައް އެޅުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަނީ ނިންމަވާފައެވެ.

މިގޮތުން އެޗްޕީއޭގެ އެންގުމުގައި ވާގޮތުން، މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށިން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެހެން ރަށަކަށް ދަތުރުކޮށްފައިވާ މީހެއް ކަމުގައި ވާނަމަ، އެފަދަ މީހަކު އެރަށަކަށްދާ ދުވަހުން ފެށީގެން 14 ދުވަހުގެ މުއްދަތަށް އެމީހަކު ދިރިއުޅޭ ތަނުގައި ނުވަތަ އެނޫންވެސް ތަނެއްގައި އެކަހެރިވާން ޖެހެއެވެ.

އަދި 15 އޭޕްރިލް އިން ފެށިގެން މި ސަރަޙައްދަށް ވައިގެ މަގުން ނުވަތަ ކަނޑުގެ މަގުން އުޅަނދުފަހަރުގައި މުދާ ބޭލުމަށް ނުވަތަ މުދާ އެރުވުމަށް ދަތުރުކުރާ އުޅަނދެއްގައި ދަތުރުކޮށްފައި ވާނަމަވެސް އެފަދަ މީހަކު ދާ އެހެން ރަށެއްގައި، ދާ ދުވަހުން ފަށައިގެން 14 ދުވަހަށް އެކަހެރިވާން ޖެހޭނެ ކަމަށް އެ އެންގުމުގައި ވެއެވެ.

އެޗްޕީއޭއިން ވިދާޅުވީ، މި އެންގުމުގައިވާ ގޮތުގެ މަތީން، އެންގުން ރައްދުވާ ފަރާތްތަކުން ޢަމަލުކުރާކަން، ލޯކަލް ކައުންސިލްތަކާއި ކަމާއި ބެހޭ އިދާރާތަކުން ކަށަވަރުކުރަންވާނެއެވެ. އަދި މި ފިޔަވަޅުތައް ތަންފީޒުކޮށް، ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކާއި ފަރާތްތަކަށް އަންގާ ކަމަށްވެސް އެޗްޕީއޭގެ އެންގުމުގައި ވެއެވެ.

އެޗްޕީއޭއިން މިރޭ މިގޮތަށް އަންގާފައިވާއިރު، 1 އޭޕްރިލް 2020 ގެ ފަހުން މާލެއިން އިވަންދޫއަށް އައިސްފާވާ މީހުން ގޭގައި މަޑުކޮށް ދިނުމަށް ހއ. އިހަވަންދޫ ކައުންސިލުން މީގެ ކުރިން ވަނީ އިލްތިމާސްކޮށްފައެވެ.