ދިގުމުއްދަތަކަށް ބޭސް ބޭނުންކުރައްވާ ފަރާތްތަކުން މަރުކަޒަށް ނުގޮސް ބޭސްސިޓީ ލިޔެވޭނެ އިންތިޒާމް އާމިނާދިޔޯ ސިއްހީމަރުކަޒުން ހަމަޖައްސައިފިއެވެ.
އެމަރުކަޒުން ބުނެފައިވަނީ ދިގުމުއްދަތަށް ބޭސް ބޭނުންކުރާ ފަރާތްތަކަށް އެމަރުކަޒަށް ޑޮކްޓަރަށް ދައްކަންނައިސް ބޭސް ސިޓީތައްޔާރުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށްޓަކައި އެމަރުކަޒުގެ ނަންބަރު 6500501 އަށް ގުޅުއްވައިގެން ކުރިއަށް ގެންދިޔުމަށެވެ.
އިހަވަންދޫގައި ބަލިމަޑުކަމެއް ފެތުރުމުގެ ފުރުސަތު ކުޑަކުރުމުގެ ބޭނުމުގައި މީގެ ކުރިންވެސް އެމަރުކަޒުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން ސިއްހީމަރުކަޒުގައި އެޑްމިޓިކޮށްފައިތިބޭ ބަލިމީހުން ކައިރިއަށް ޒިޔާރަތްކުރުން މަނާކޮށް، އެކިއެކި ބޭނުންތަކުގައި މަރުކަޒަށް ޒިޔާރަތްކުރާ ފަރާތްތަކަށް އުސޫލުތަކެއް ކަނޑައަޅާފައި ވެއެވެ. މިގޮތުން މަރުކަޒުގައި އެޑްމިޓް ކުރެވިފައިވާ ބަލިމީހުންގެ ކައިރިއަށް ޒިޔާރަތް ކުރުމަކީ މަނާކަމެއްކަމުގައި ވަނީ ހަމަޖައްސާފައެވެ. އަދި އެޑްމިޓް ކުރެވިފައި ތިބޭ ބަލިމީހުންގެ ކައިރީގައި އެހީތެރިއެއްގެ ގޮތުގައި އެއްވަގުތެއްގައި އެއްބޭފުޅަކަށްވުރެ އިތުރަށް ނުތިއްބެވޭ ގޮތަށްވެސް ވަނީ ހަމަޖެއްސިފައެވެ. ޑޮކްޓަރަށް ދަށްކަވަން ވަޑައިގަންނަވާ ބަލިމީހުންނާއެކު އެހީތެރިއެއްގެ ގޮތުގައި އެއްބޭފުޅަކަށްވުރެ ގިނައިން މަރުކަޒަށް ވަޑައިނުގެންނެވުމަށް އެދިފައިވާއިރު، ވަރަށް މުޙިއްމު ބޭނުންތަކަށް ފިޔަވާ އެއްވެސް ބޭފުޅަކު މިދުވަސްވަރު މަރުކަޒަށް ވަޑައިނުގެންނެވުށާއި އެފަދަ ބޭނުންތަކުގައި ވަޑައިގަންނަވާ ފަރާތްތަކުންވެސް މަރުކަޒުގައި ހޭދަކުރައްވާ ވަގުތު ވީހާވެސް މަދު ކުރެއްވުށްވެސް ސިއްހީމަރުކަޒުން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮވިޑް 19 އަށް ފައްސިވަމުންދާ ދިވެހިންގެ އަދަދު އިތުރުވަމުންދާ މިދަނޑިވަޅުގައި އެޗްޕީއޭއިން ވަނީ ޒަރޫރީ ބޭނުމެއް ނެތި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުން މަނާކޮށްފި އެވެ.