Banner Image Description

ކޮވިޑް-19: އައިޑީކާޑު ނެތަސް މިދުވަސްވަރު އާސަންދަ ލިބޭނެ

ޢަބުދުﷲ ޙަމީދު

އައިޑީކާޑު ގެއްލިފައި ވިޔަސް ނުވަތަ، އައިޑީކާޑުގެ މުއްދަތު ހަމަވެފައި ވިޔަސް ކާކުކަން އަންގައިދޭ އެހެން ލިޔުންތައް ބޭނުންކޮށްގެން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)އިން އެދިލައްވާފައިވާ ގޮތަށް އާސަންދަ ހިދުމަތް ލިބޭނެ ކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.

އެ ކުންފުނިން، ކޮވިޑް19އާ ގުޅިގެން ކޮށްފައިވާ އިއުލާނެއްގައި ބުނީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި، އާސަންދަ ހިދުމަތް ދޭ ހުރިހާ މަރުކަޒަކުން ވެސް، ބަލި މީހާގެ އައިޑީ ކާޑު އަތުގައި ނެތިއްޖެ ހާލަތެއްގައި، އެފަދަ އެހެން ލިޔެކިޔުމަކުން ހިދުމަތްދޭނެ ކަމަށެވެ. އެގޮތުން އައިޑީ ކާޑުގެ ކޮޕީ ނުވަތަ ލައިސަންސް ކާޑާއި ޕާސްޕޯޓު ފަދަ އައިޑީ ކާޑު ނަންބަރު ފެންނަން އޮންނަ ލިޔުމެއް ނުވަތަ އެފަދަ ލިޔުމެއްގެ ފޮޓޯ ހުށަހަޅައިގެން، އާސަންދަ ޕޯޓަލްއިން ޗެކްކޮށް ވެރިފައި ކުރުމަށްފަހު އާސަންދަ ހިދުމަތް އެ މީހަކަށް ލިބިދެވޭނެ އިންތިޒާމް އެ ކުންފުނިން ހަމަޖައްސާފައިވާނެ ކަމަށް ބުނެފައިވެ އެވެ.

މިގޮތަށް ހިދުމަތް ދޭނީ ޖޫން 30ގެ ނިޔަލަށް ކަމަށް ޑީއެންއާރުން ބުނެފައި ވެއެވެ.

ކޮވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ސަރުކާރު ބަންދުކޮށްފައި ވާތާ މިއީ ތިން ވަނަ ހަފުތާ އެވެ.