ކޮވިޑް-19: އަންނަ ހަފުތާގައި ޑޮކްޓަރުން ޑިއުޓީގައި ތިއްބަވާނީ 3 ދުވަހު

އިބްރާހިމް ނަޝީދު

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ހަލުވި ކަމާ އެކު ފެތުރޭތީ، ރާއްޖޭން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އަންނަ ހަފުތާއަކީވެސް ސަރުކާރު ބަންދު ހަފުތާއެއް ކަމުގައި ރައީސުލްޖުމުހުރިއްޔާ ކަނޑައެޅުއްވުމާ ގުޅިގެން އާމިނާދިޔޯ ސިއްހީމަރުކަޒުގެ ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ގޮތްތައް އިޢުލާނުކޮށްފިއެވެ.

އެގޮތުން އަންނަ ހަފުތާގައި ޑޮކްޓަރުން ޑިއުޓީގައި ތިއްބަވާނީ މާރިޗް 28، 31 އަދި އޭޕްރީލް 2 ވަނަ ދުވަހު ކަމަށް އެމަރުކަޒުން ވަނީ އިޢުލާނުކޮށްފައެވެ. މި ތިންދުވަހު ޑޮކްޓަރުން ބަލިމީހުން ބައްލަވާނީ ހެނދުނު 8:00 އިން މެންދަމު 12:00 އަށެވެ.

ޑޮކްޓަރުން ޑިއުޓީގައި ތިއްބަވާ ވަގުތުތަކުގައި ލެބޯޓްރީގެ ޚިދުމަތްވެސް ލިބޭނެ ކަމަށް އެމަރުކަޒުން ބުނެއެވެ. ހަމައެހެންމެ އެމަޖެންސީ ހާލަތުގައި ކޮންމެ ގަޑިއަކުވެސް ޚިދުމަތް ލިބޭނެ ކަމަށް މަރުކަޒުން ވަނީ ބުނެފައެވެ.

އަންނަ ހަފުތާގައި އާމިނާދިޔޯ ސިއްހީމަރުކަޒުގެ ޕަބުލިކު ހެލްތު ޔުނިޓުގެ ޚިދުމަތް ލިބޭނީ މާރިޗް 29، 30 އަދި އޭޕްރީލް 1 ގައެވެ. ޔުނިޓުގެ ޚިދުމަތް ލިބޭނީ ހެނދުނު 9:00 އިން 12:00 އަށް ކަމަށް އެމަރުކަޒުން އިޢުލާނުކޮށްފައި ވެއެވެ.