ކޮވިޑް 19: ރައްކާތެރިވުމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކެއް

ޢަބުދުﷲ ޙަމީދު

މިހާރު ރާއްޖެއިންވެސް ފެނިފައިވާ، ދުނިޔޭގެ ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ނޮވެލް ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމުގެ ގޮތުން އިހަވަންދޫގައި ގާއިމުކޮށްފައިވާ ކޮވިޑު19 ޓާސްކްފޯސް އިން ހާއްސަ ފިޔަވަޅުތަކެއް އަޅައި އެގޮތަށް އަމަލު ކުރުމަށް އިހަވަންދޫ ކައުންސިލުން އަންގައިފިއެވެ.

މިގޮތުން ރިސޯޓުތަކާއި ރަށުން ބޭރުގައި ވަޒީފާ އަދާކުރަމުންދާ އިހަވަންދޫގެ ރައްޔިތުންގެ ދަފުތަރެއް ރަށުފެންވަރުގައި އެކުލަވާލުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަދި ރަށަށް ޒިޔާރަތްކުރާ ރަށްވެހިންނާއި އެފަރާތްތައް ދަތުރު ކުރި މަގުތައް ދެނެގަތުމުގެ މަސައްކަތް ކުރުމާއެކު ރަށުގައި ދުއްވާ ލޯންޗު، ބޯޓު އަދި ދޯނިފަދަ އުޅަނދުތަކުގައި އެކިރަށްރަށަށް ދަތުރުކުރާ މީހުންގެ މަޢުލޫމާތު، އުޅަނދުތައް އޮޕަރޭޓު ކުރާ ފަރާތްތަކާ ގުޅިގެން ޓާސްކްފޯސް އިން ދަނީ އެއްކުރަމުންނެވެ.

ޓާސްކްފޯސްގެ ހޮޓުލައިން ނަންބަރު: 7750013 އަށް ގުޅުއްވާ ރަށުން ބޭރުގައި އުޅުއްވާ ފަރާތްތަކުން މައުލޫމާތު ހިއްސާ ކުރެއްވުމަށް ކައުންސިލުން ވަނީ އެދިލައްވާފައެވެ.

އަދި މިއަދުން ފެށިގެން ކޮންމެ ނަމާދެއްގެ ކުރީގައްޔާއި ނަމާދުގެ ފަހުގައި ރަށުގެ މިސްކިތްތައް ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ކައުންސިލުން ވަނީ އިޢުލާނުކޮށްފައެވެ.

ރާއްޖޭގައި ސިއްހީ ކުއްލިނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފައިވާތީ ރަށުގައި ހުރި ޕާކުތަކާއި ކުޅިވަރުކުޅޭ ދަނޑުތަކާއި އާއްމުން އެއްވާ ތަންތަނައް އެއްވެ އުޅުމާއި، ކުޅިވަރު މުބާރާތްތައް އަދި މެޗްތައް ރަށުގައި ކުރިއަށް ގެންދިއުން ކައުންސިލުން ވަނީ މަނާކޮށްފައެވެ.

ގިނަބަޔަކު ހިމެނޭހެން ޕިކުނިކު ދަތުރުތަކާއި މަސްދަތުރުތައް ނުދިއުމަށާއި ހުންއައިސް ރޯގާ ޖެހިފައިވާ ފަރާތްތަކުން ބޭރަށް ނުކުމެ ނޫޅުމަށް ކައުންސިލުން ވަނީ އަންގާފައެވެ.

ރާއްޖެއިން މިހާތަނަށް ވަނީ ކޮވިޑް-19 އަށް 13 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.