ހއ. ހޯރަފުށީގައި އައިސް ޕްލާންޓެއް ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިއަދު ހަވީރު ވަރޗުއަލްކޮށް ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީއެވެ.
ޕަބްލިކް ޕްރައިވެޓް ޕަރޓްނަރޝިޕް މޮޑެލްގައި ކުރިއަށް ގެންދަން ނިންމާފައިވާ މި މަޝްރޫއުއަކީ ޗަންޕާ ބްރަދަރސްއިން ފައިނޭންސް ކުރަން ހަމަޖެހިފައިވަނީ މަޝްރޫޢުއެކެވެ. މި އެއްބަސް ވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ސާރާ މުހައްމަދެވެ.
ހޯރަފުށީގައި އައިސް ޕްލާންޓް ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ ހޯރަފުށީގައި އައިސް ޕްލާންޓެއް އެޅުމަށް އެރަށުގެ ރައްޔިތުންނާއި ކައުންސިލުން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ވަރަށް ކާމިޔާބު ކަމަށެވެ.
ހޯރަފުށީގައި ގާއިމްކުރެވޭ އައިސް ޕްލާންޓަކީ ޕަބްލިކް ޕްރައިވެޓް ޕަރޓްނަރޝިޕް މޮޑެލްގައި ފުރަތަމަ ކުރިއަށް ގެންދާ މަޝްރޫއު ކަމަށާއި، ކުރިއަށް އޮތްތަނުގައި މަސްވެރިކަން ކުރާ އެކިއެކި ސަރަހައްދުތަކުގައި މިމޮޑެލްގެ ދަށުން އައިސް ޕްލާންޓްތައް ގާއިމް ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
4.2 މިލިއަން ރުފިޔާގެ މިމަޝްރޫއުގެ ދަށުން ޤާއިމުކުރާ 25 ޓަނުގެ އައިސްޕުލާންޓުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް މިފްކޯއިން ބުނެފައިވާއިރު، އަމަލީ މަސައްކަތް ފަށާތާ 150 ދުވަހުގެ ތެރޭގައި މަޝްރޫއުގެ މަސައްކަތްތައް ނިންމާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.