ސްރީލަންކާގެ ޕެޓްރޯލް ސްޓޮކް ހުސްވެދާނެކަމުގެ އިންޒާރު އެގައުމުގެ ހަކަތަ އާބެހޭ ވަޒީރު ދެއްވައިފި

މުހައްމަދު ޢަބުދުއްޞަމަދު

ފާއިތުވި 70 އަހަރުގެ ތެރޭގައި ސްރީލަންކާއަށް ކުރިމަތި ނުވާވަރުގެ އިޤްތިޞާދީ ދަތިކަން ކުރިމަތިވެފައިވާއިރު، އެޤައުމުގެ ތެލުގެ ސްޓޮކް ހުރި މިންވަރާ ގުޅިގެން ސްރީލަންކާގެ ހަކަތަ އާބެހޭ މިނިސްޓަރު ކަންޗަނާ ވިޖެސެކެރާ ވަނީ ވަރަށް ބޮޑަށް އިންޒާރު ދެއްވާފައެވެ.

އާދިއްތަ ދުވަހު، ކަންޗަނާ ވިދާޅުވީ އާއްމުކޮށް މީހުން ޕެޓްރޯލް ބޭނުންކުރާ ނިސްބަތަށް ބަލާއިރު، އެގައުމުގައި ބާކީ ހުރީ ހަމައެކަނި ދުވަހަކަށްވުރެން މަދު މުއްދަތަކަށް ބޭނުންކުރާނެ ޕެޓްރޯލް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ދެން ޕެޓްރޯލް ޝިޕްމަންޓެއް އެންމެ އަވަހަށްވެސް ލިބޭނީ ދެ ހަފްތާ ފަހުންކަމަށެވެ.

ތެލާއި ކާބޯތަކެތި އަދި ބޭސް ފަދަ ތަކެތި އިމްޕޯޓް ކުރުމަށް ފައިސާ ދެއްކުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ މިދިޔަ ހަފްތާގައި ސްރީލަންކާއިން ވަނީ ޒަރޫރީ ނޫން ވެހިކަލްތަކަށް ޕެޓްރޯލާއި ޑީސަލް ވިއްކުން މެދުކަނޑާލާފަ އެވެ.

ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި މިއީ،  1970 ގެ އަހަރުތަކުގައި ތެލުގެ ދަތިކަން ކުރިމަތިވެ، އެމެރިކާ އާއި ޔޫރަޕްގައި އާއްމުންނަށް ތެޔޮ ކޮންޓްރޯލްކޮށްގެން ވިއްކިފަހުން،  އާއްމު ރައްޔިތުންނަށް ޕެޓްރޯލް ވިއްކުން ހުއްޓުވުމުގެ ހަރުކަށި ފިޔަވަޅު އެޅި ފުރަތަމަ ގައުމެވެ.

މިސްޓަރ ވިޖެސެކެރާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އެގައުމުގެ ރިޒާވްގައި ބާކީ ހުރީ 12،774 ޓަނުގެ ޑީސަލާއި، 4،061 ޓަނުގެ ޕެޓްރޯލް ކަމަށެވެ.

ދެ ހަފްތާ ފަހުން ޑީސަލް ޝިޕްމަންޓެއް އަންނާނެ ކަމަށް ބެލެވުނު ނަމަވެސް، ވިޖެސެކެރާ އިންޒާރު ދެއްވީ ތެލާއި ސާފުނުކުރާ ތެޔޮ އެ ގައުމަށް އެތެރެކުރުމަށް ފައިސާ ދައްކަން ޖެހޭ ވަރަށް ފައިސާ ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ ތެޔޮ ގަތުމަށް ސްރީލަންކާގެ މަރުކަޒީ ބޭންކަށް ސަޕްލައި ކުރެވެންއޮތީ އެންމެ 125 މިލިއަން ޑޮލަރު ކަމަށާއި އެއީ މިހާރު ޝެޑިއުލް ކޮށްފައިވާ ތެޔޮ ޝިޕްމަންޓްތަކަށް ބޭނުންވާ 587 މިލިއަން ޑޮލަރަށް ވުރެ، މާ ކުޑަ އަދަދެއް ކަމަށެވެ. މިސްޓަރ ވިޖެސެކެރާ އިތުރަށް ވިދާޅުވީ މިއަހަރުގެ ކުރީކޮޅު އެގައުމުން ގަތް ތަކެތި ގަތުމަށް ހަތް ސަޕްލައިއަރަކަށް 800 މިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށެވެ.

22 މިލިއަން މީހުން ދިރިއުޅޭ ސްރީލަންކާ، 1948 ވަނަ އަހަރު އިނގިރޭސީންގެ އަތުން އެގައުމު މިނިވަންވި ފަހުން ކުރިމަތިވެފައިވާ އެންމެ ބޮޑު އިގްތިސާދީ ދަތިކަން ކުރިމަތިވެފައިވަނީ ޒަރޫރީ މުދާ އެތެރެކުރުމަށް ފައިސާ ދެއްކޭ ވަރަށް ބޭރު ފައިސާ އެގައުމުގައި ނެތުމުންނެވެ.

ތެލާއި ކާނާ އަދި ބޭހުގެ އިންތިހާއީ ދަތިކަމުގެ ސަބަބުން ދިރިއުޅުމުގެ އަގުތައް ރެކޯޑް މިންވަރަކަށް ވަނީ މައްޗަށް ގޮސްފައެވެ. އެގައުމުގެ ގިނަ ބައެއްގެ ދިރިއުޅުން ބަރޯސާވެފައިވަނީ މޮޓޯ ވެހިކަލް ދުއްވައިގެން އާއްމުދަނީ ހޯދުމުގެ މައްޗަށެވެ.