ކައުންސިލްގެ ދަރަނި 2 ލައްކަރުފިޔާ އަށް ކުޑަކުރެވިއްޖެ

ޢަބުދުﷲ ޙަމީދު

އިހަވަންދޫ ކައުންސިލްގެ 3 ވަނަ ދައުރު ފެށުނު އިރު  އޮތް 3.4 މިލިއަން ރުފިޔާގެ ދަރަނި  2 ލއްކަ ރުފިޔާ އަށް ކުޑަ ކުރެވިފައިވާ ކަމަށް ކައުންސިލުން ހާމަކޮށްފިއެވެ.

ރޭ ކައުންސިލުން ރައްޔިތުންނާ ބައްލަދުކުރެއްވުމަށް ބޭއްވި އާއްމު ބައްދަލުވުމުގައި ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ރަޝީދު ވަނީ މިކަން ހާމަކުރައްވާފައެވެ.

ރައީސް ހާމަކުރެއްވި ގޮތުގައި ކައުންސިލްގެ ދަރަނި ކުޑަކުރެވިގެން މިދިޔައީ ކައުންސިލަށް ކޮންމެ އަހަރަކުވެސް ލިބުނު ކުޑަ ބަޖެޓުގެ ތެރެއިން ހަރަދުތައް ކުޑަކުރެވިގެން އަދި ކައުންސިލުން ހިންގާ ގިނަ ޕުރޮގުރާމް ތަކަކީ އާއްމު ބޭބޭފުޅުން ދީލަތި އެހީތެރިކަން ހޯދާގެން، ކައުންސިލް މެމްބަރުން ސީދާ މަސައްކަތަށް ނުކުމެ ކުރެވުނު މަސައްކަތުން ކަމަށެވެ.

އަދިވެސް ކައުންސިލް އިދާރާގައި 2014، 2015 ވަނަ އަހަރުގެ ބިލްތައްވެސް ފައިސާ ނުދެއްކި ހުރިކަން ފާހަގަ ކުރައްވާ މުހައްމަދު ރަޝީދު ވިދާޅުވީ ބިލްތައް މިގޮތަށް ތާށި މިވަނީ ކައުންސިލްތައް ހިންގުމުގަ ދައުލަތުގަ ތިއްބެވި ބޭބޭފުޅުން ތަނުގަ ހުރި ވަސީލަތްތަކާ ފައިސާގެ އަދަދަށް ނުބެލެވި މަސައްކަތްތައް ހަވާލުކުރެވުމުގެ ސަބަބުން ކަމަށެވެ. އަވަސް އަރުވާލައިގެން ދައުލަތުގެ މާލިއްޔަތު ޤާނޫނާ ގަވާއިދުތަކާ ހިލާފަށް ކަންކަން ކުރުމުގެ ސަބަބުން ގިނަ ބިލްތަކަކަށް ފައިސާ ނުދެވި ވާކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.