އުދަ އަރައި ރަށްގިރުމުގެ ސަބަބުން ބައެއް އޮޑިހަރުގެތައް މޫދުތެރެއަށް

.

އިހަވަންދޫއަށް އާދަޔާއި ހިލާފަށް ބޮޑަށް އުދަ އަރައި ގޮނޑުދޮށް ގިރާލުމާއި އެކު ބައެއް އޮޑިހަރުގެތައް މޫދުގެ ތެރެއަށް ގޮސް ގެއްލުންތައް ލިބެން ފަށައިފިއެވެ.

މީގެ އިތުރުން އުދައަރާ ގޮނޑުދޮށުގައި ހުރި ބައެއްތަކެތި މޫދުތެރެއަށް ގޮސް އޮޔާދާތީ އެކަމަށް ސަމާލުވުމަށްވެސް އިހަވަންދޫ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވިދާޅުވީ އެރަށަށް އުދައަރަމުންދާތާ ދެދުވަސް ވެފައިވާކަމަށާއި އެހެން ނަމަވެސް މިއަދު އާދަޔާއި ޚިލާފަށް އުދައަރާތީ ގޮނޑުދޮށުގައި ހުރި ބައެއް ތަކެތި ރައްކާތެރި ކުރުމަށް މަސައްކަތް މިހާރުވެސް ކުރަމުން ދާކަމަށެވެ.

އަދި އިރުމަތީ ފަރާތުން އާދަޔާ ޚިލާފަށް އުދަ އަރައި ރަށް ގިރަމުން ދާތީ، އެ ސަރަހަދުގައި ހުރި ބައެއް ތަކެތި މޫދަށް ފައިބަމުން ދާކަމަށްވެސް ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރު އެކަމަށް ސަމާލު ވުމަށާއި، އަދި މޫދަށް އެރި އުޅުމުގައި ވެސް ސަމާލުވުމަށް ކައުންސިލުންވަނީ އެދިފައެވެ.

ކުރިއަށް އޮތް 48 ގަޑިއިރު ރާއްޖޭގެ ސަރަޙައްދުގައި ވައި ގަދަވެ ކަނޑުތަށް ގަދަވާނެ ކަމަށާއި ބައެއް ރަށްތަކަށް އުދައަރާނެކަމަށް މޫސުމާއި ބެހޭ ޤަޢުމީ އިދާރާއިން ލަފާކުރާތީވެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މިއަދު އެމްއެންޑީއެފްއިންވެސް ވަނީ އިލްތިމާސްކޮށްފައެވެ.