Banner Image Description

އިހަވަންދޫގައި މިފަހަރު ބަހައްޓަނީ 3 ވޯޓް ފޮށި!

މުޙައްމަދު އަކުރަމް

ކުރީގެ އިންތިހާބު ތަކާއި ހިލާފަށް، ކުރިޔަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިހަވަންދޫގައި 3 ވޯޓް ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. އިލެކްޝަންސް ކޮމިޝަނުގެ މިނިންމުމާއިއެކު އިހަވަންދޫގައި އެއްފޮށްޓަކަށް ވޯޓްލާ ސަރަހައްދު ތަކަށްވެސްވަނީ ބޮޑު ބަދަލެއް އައިސްފައެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން އިހަވަންދޫގައި ބާއްވާފައިވާ އިންތިހާބުތަކުގައި ވޯޓް ލާފައިވަނީ 2 ފޮށްޓަކަށެވެ. އަދި ވޯޓްލާ ސަރަހައްދު ބަހާފައިވަނީ ގާތްގަނޑަކަށް ދެއަވަށަށް ނިސްބަތްވާ މީހުން ދެ ފޮށްޓަށް ވޯޓްލާ ބީދައިންނެވެ. އިރުމަތީ އަވަށު މީހުންނާއި އިހަވަންދޫގައި ދިރިއުޅޭ އެހެންރަށްތަކުގެ މީހުން އެއް ނަންބަރު ފޮޓަށް ވޯޓް ލާއިރު ދެ ނަންބަރު ފޮށްޓަށް ވޯޓް ލަނީ ހުޅަނގު އަވަށު މީހުންނެވެ.

އިލެކްޝަންސް ކޮމިޝަނުން މިފަހަރު މިގެނަ ބަދަލާއިއެކު އިހަވަންދޫގައި ބަހައްޓާ އެއްނަންބަރު ފޮށްޓަށް ވޯޓް ލެވޭނީ ނޫރާނީ މަގުގެ އުތުރުގެ ސަރަހައްދުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި، އެފޮށްޓަށް ވޯޓްލުމަށް ރަޖިސްޓްރީ ކޮށްފައިވާ އެހެން ރަށްތަކަށް ނިސްބަތްވާ މީހުންނެވެ. އެ ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ އިހަވަންދޫ ސްކޫލުގެ ހުޅަނގު އިމާރާތުގައެވެ. އިހަވަންދޫގައި ބަހައްޓާ ދެވަނަ ފޮށްޓަށް ވޯޓްލުމަށް ހަމަޖެހިފަނީ ޗާންދަނީ މަގުގެ އިރުން، ސަބްދެލީ މަގުގެ އުތުރުން، ހުސައިނީ ގޯޅީގެ އިރުން ސޯސަންމަގުގެ  އުތުރުން އޯކިޑް މަގުގެ އިރުން ނޫރާނީ މަގުގެ ދެކުނު ސަރަހައްދުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހެނެވެ. މިފޮށިވެސް ބެހެއްޓުމަށް ހަމަޖެހިފައިވަނީ އިހަވަންދޫ ސްކޫލުގެ ހުޅަނގު އިމާރާތުގައެވެ. އިހަވަންދޫގައި ބެހެއްޓުމަށް ހަމަޖެހިފައިވާ 3 ވަނަ ފޮށްޓަށް ވޯޓްލުމަށް ހަމަޖެހިފައިވަނީ ޗާންދަނީ މަގުގެ ހުޅަނގުން، ސަބްދެލީ މަގުގެ ދެކުނުން، ހުސެއިނީ ގޯޅީގެ ހުޅަގުން، ސޯސަން މަގުގު އުތުރުން، ގުލްފާމު ހިނގުމުގެ ހުޅަނގުން، ދަނބުރުއްމަގުގެ އުތުރުން، އަމީނީމަގުގެ ހުޅަގު ސަރަހައްދުގެ ގޭގޭގެ ރަޖިސްޓަރީގައިވާ މީހެނެވެ. އެ ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ އިހަވަންދޫ ސްކޫލުގެ ލެބް ކްލާސް ރޫމްގައެވެ.

މިފަހަރުގެ ލޯކަލް ކައިންސިލް އިންތިހާބުގައި އިހަވަންދޫ ކައުންސިލަށް 2266 މީހަކަށް ވޯޓްލުމުގެ ހައްޤު ލިބިގެންވެއެވެ.