އައި.ކްލަބް 2020ގެ ފުރަތަމަ ހަރަކާތަށް

މަހްމޫދު ޢަލީ

“ތަފާތު ދައްކަން މިދަނީ ވަރަށް ގިނަ މަސައްކަތްކުރަމުން” އައި.ކްލަބް މެނޭޖްމަންޓް

މާލޭގައި ދިރިއުޅޭ އިހަވަންދޫގެ ޒުވާނުންގެ މެދުގައި އޮތް އިޖުތިމާޢީ ބަދަހިގުޅުން އިތުރަށް ހަރުދަނާކޮށް ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށް މަސައްކަތްކުރަމުންދާ އައި. ކްލަބުގެ ފަރާތުން 2020ގެ ފުރަތަމަ ހަރަކާތަށް ތައްޔާރުވަމުންދާކަން އެކުލަބުން ހާމަކޮށްފިއެވެ.

އައި.ކްލަބުގެ އިސް މެންބަރ ޝިހާން ބުނީ 2020ގެ ފުރަތަމަ ހަރަކާތަށް އައި.ކްލަބު މިހާރު ފުރިހަމައަށް ތައްޔާރުވެފައިވާކަމަށާ، މިއަދު މިހުޅުވާލާ ފުރުސަތާއެކު އައި.ކްލަބުން މިއަދު ޒުވާނުންނަށް މިދޫކޮށްލާ ބޯޅަ، ދެން ކުޅޭނެގޮތް ކަނޑައަޅާނީ މާލެ ސަރަހައްދުގައި ތިބި އިހަވަންދޫގެ ޒުވާނުން ކަމަށެވެ. އަދި މިފަހަރުގެ މުބާރާތާއެކު 2020ގެ ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންގޮސް ތަފާތު ދައްކަން އައި. ކްލަބުން ތައްޔާރުވަމުންދާކަމަށެވެ.

“އައި.ކްލަބުން ކޮންމެ އަހަރަކުވެސް ޒުވާނުންނަށް މާލޭގައި މިދަނީ ވަންޑޭކަޕެއް ބާއްވަމުން. 2020ގެ އެވަގުތު މިހާރު މިއޮތީ ފެބްރުއަރީ އާއެކު އައިސްފަ. އެހެންވީމާ އަޅުގަނޑުމެން މިއަދު މިހުޅުވާލީ ވަންޑޭކަޕްގައި ބައިވެރިވާން. މުބާރާތް ކުރިއަށްދާނެގޮތުގެ ބާރު މިއަދުން ފެށިގެން އަޅުގަނޑުމެން މިދޫކޮށްލަނީ ޒުވާނުންނަށް” މުބާރާތަށް ކުރިމަތިލުމަށް ހުޅުވާލިކަން އިޢުލާންކުރަމަށް ބޭއްވި ހަފްލާގައި ޝިހާން ބުންޏެވެ.

އައި.ކްލަބުން 2020ގެ ފުރަތަމަ ހަރަކާތުގެ ގޮތުގައި ބާއްވާ ވަންޑޭކަޕް ފެބްރުއަރީ 28ގައި ބޭއްވުމަށް އައި.ކްލަބުން ތައްޔާރުވަމުންދާއިރު، މުބާރާތާއި ބެހޭގޮތުން އައި.ކްލަބުން ބުނެފައިވަނީ، މި މުބާރާތަކީ އައިކްލަބުގެ މޮޓޯ “Unite for Unity” މި ޝިޔާރުގެ ދަށުން، މާލެ އާއި މާލެ ކައިރި ސަރަހައްދުތަކުގައި ދިރިއުޅޭ އިހަވަންދޫ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ދިރުވައި އާލާކޮށް ޒުވާނުންގެ މެދުގައި ބަދަހިކަމާއި އަޚްވަންތަކަން ގާއިމްކުރުމުގެ މަގުޞަދުގައި ބާއްވާ މުބާރާތެއްކަމަށެވެ. އަދި މިފަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ސުންގަނޑިއަކީ މި މަހުގެ 6 ވާ ހުކުރު ދުވަހުގެ ހަވީރު 18:00 ކަމަށެވެ.

މުބާރާތުގައި ބައިވެރިވުމާއި ބެހޭގޮތުން އިތުރު ތަފްސީލް ހިއްސާކުރަމުން އައި.ކްލަބުގެ އިސް މެންބަރ ޢަލީ ޝަރީފް (ޖަމީލު އައްޔަ) ބުނީ މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގައިވެސް ކުޅުންތެރިންގެ ގޮތުގައި ހިމެނޭނީ 10 ކުޅުންތެރިންނާއި 5 އޮފިޝަލުން ކަމަށާއި، ދެޖިންސްގެ ފަރާތްތަކަށްވެސް އޮފިޝަލުން ގޮތުގައި ތިބެވޭނެކަމަށާއި، މުބާރާތުގެ މަޤްޞަދު ޙާޞިލްކުރުމަށާއި ގުޅުން ބަދަހިކުރުމުގެ މަގު ފުޅާކުރުމަށްޓަކައި އެހެން އަހަރުތަކާ ޚިލާފަށް އިހަވަންދޫ ރަށްވެހިންގެ އިތުރުން ރަށްވެހިކަން ބަދަލުވެފައިވާ ފަރާތްތަކާއި އެމީހުންގެ ދަރީންނާއި އަދި އިހަވަންދޫ ރަށްވެހީންނާ ކައިވެނީގެ ގޮތުން ގުޅިގެން އުޅޭ ފަރާތްތަކަށްވެސް މިފަހަރުގެ މުބާރާތުގައި ކުޅެވޭނެކަމަށެވެ. އަދި މި މުބާރާތަކީ ފުޓްސެލް މުބާރާތެއް ކަމަށާއި މިމުބާރާތް ބާއްވާނެ ދަނޑެއް މިވަގުތަށް ކަށަވަރުވެފައި ނުވިނަމަވެސް ޓީމްތަކާއި ޓީމްތަކުގެ ސަޕޯޓަރުން ހިތްހަމަ ޖެހޭފަދަ ތަނެއްގައި މުބާރާތް ބޭއްވުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ.

ޢަލީ ޝަރީފް އިތުރަށް ބުނީ މުބާރާތް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާނީ އައިކްލަބުގެ އިސްމެންބަރުންގެ ކޮމިޓީއަކުން ކަމަށާއި މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އެކަށީގެންވާ ފައިސާގެ އިނާމެއް ހުށަހެޅިފައިވާކަމަށާއި، އެކަން ދާދި އަވަހަށް އިޢުލާންކުރުމަށްޓަކައި ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް އިސްމެންބަރުންގެ ކޮމިޓީގެ ބައްދަލުވުމެއް މިމަހު މެދު ތެރޭގައި ބާއްވާނެކަމަށެވެ. މި މުބާރާތް ކުރިއަށް ގެންދިއުމުގައި މާލޭގައި ދިރިއުޅޭ އިހަވަންދޫއަށް ނިސްބަތްވާ ކަމުވޮށިގެންވާ ބޭފުޅުންގެ ދީލަތި މަދަދާއި އެހީ ލިބެމުންދާކަން ފާހަގަކުރަމުން ޢަލީ އިތުރަށް ބުނީ، މުބާރާތަށް ފުރިހަމައަށް އެއްބާރުލުން ދެއްވައި މުބާރާތުގެ މަޤުޞަދު ޙާޞިލްކޮށްދެއްވުމަށް މާލޭގައި ދިރިއުޅޭ އިހަވަންދޫ ރައްޔިތުންގެ ފަރާތުން ލިބޭ ތަރުހީބާއި އެއްބާރުލުން ފާހަގަކޮށް އެ އެންމެހައި ބޭފުޅުންނަށް އައިކްލަބުގެ ފަރާތުން ޝުކުރު ދަންނަވާކަމަށެވެ.

އައި.ކްލަބުން ބުނެފައިވަނީ “2020 އައި.ކުލަބް ވަންޑޭކަޕް” ގައި ބައިވެރިވުމަށް ބޭނުންވާ ޓީމްތަކުން އެކަން ބަޔާންކޮށް ޓީމްގެ ނަމާއި މެނޭޖަރުގެ ނަން ޖެއްސެވުމަށްފަހު 9700131 އަށް ނުވަތަ 7916971 އަށް ވައިބަރ ނުވަތަ ޓެކްސްޓް މެސެޖް ކުރެއްވުމަށް އެކުލަބުން އެދޭކަމަށާއި، މުބާރާތުގެ ޤަވާޢިދު މި މަހުގެ 4 ވަނަ ދުވަހު އާއްމު ކުރާނެކަމަށެވެ.

އައި.ކްލަބުން ފާއިތުވި އަހަރުތަކުގައި މިމުބާރާތުގައި ބައިވެރިވުމަށް ފީއެއް ނުނެގި ނަމަވެސް، އެހެން އަހަރުތަކާ ޚިލާފަށް މިފަހަރުގެ މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކުންވެސް ބައިވެރި ވުމުގެ ފީއެއްގެ ގޮތުގައި -/500ރ (ފަސްސަތޭކަ ރުފިޔާ) ނެގުމަށް ހަމަޖެހިފައިވެއެވެ.