އިންޑިއާގެ ހިލޭ އެހީގައި ހޯރަފުށީގައި ފެންބަންދުކުރާ ޕްލާންޓެއް އަޅަނީ

ޢަބުދުﷲ ޙަމީދު

ހއ. ހޯރަފުށީގައި ބިއްލޫރި ފެން ފުޅި އުފައްދާ ފެން ޕްލާންޓެއް ގާއިމުކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

އަވަށްޓެރި އިންޑިއާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ހަ މަޝްރޫއެއް ފެށުމަށް އެއްބަސްވުމުގައި އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުންތަކުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އަދި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ.

މަޝްރޫއުތަކުގެ ތަފްސީލް ދެއްވައި ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ ހޯރަފުށީގައި ކުރިއަށް ގެންދާ މަޝްރޫއުގެ ސަބަބުން ސަރުކާރުގެ އިދާރާތަކަށާއި، އޮފީސްތަކުގެ އިތުރުން އާންމު ތަންތަނަށް ބިއްލޫރު ފުޅީގައި ބަންދުކުރާ ފެން ފޯރުކޮށްދެމުން ދާނޭ ކަމަށެވެ. މި މަޝްރޫއުގެ ސަބަބުން ސިންގަލް ޔޫސް ޕްލާސްޓިކް ރާއްޖެއިން ނައްތާލުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަށް މި ޕްރޮޖެކްޓު ކުރިއަށް ގެންދެވިއްޖެ ނަމަ މިހާރު ރާއްޖޭއަށް ދިމާވެފައިވާ ސިންގަލް ޔޫސް ޕްލާސްޓިކުގެ މައްސަލައަށް ބޮޑު ހައްލެއް ލިބޭނެ. އަޅުގަނޑު މި ދަނޑިވަޅުގައި ފާހަގަކޮށްލަން ބޭނުންވަނީ މި މަޝްރޫއުތަކަކީ ރާއްޖެއަށް ނުހަނު ފައިދާކުރުވަނިވި އަދި ބޭނުންތެރި މަޝްރޫތަކެއް ކަމަށް. އަދި މިފަދަ މަޝްރޫތަކަށް އިންޑިއާގެ ފަރާތުން ދެމުން އަންނަ އެއްބާރުލުމަށް ޝުކުރު ދަންނަވަން،” ޝާހިދު ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އައްޑޫސިޓީގައި ޓޫރިޒަމް ޒޯންތަކެއް ތަރައްގީ ކުރުމަށްވެސް ވަނީ އެއްބަސްވެފައެވެ. އެގޮތުން ހޯރަފުށީގައި ގާއިމުކުރާ ފެންބަންދުކުރާ ޕްލާންޓުގެ މަޝްރޫގެ އަގަކީ 51،900 ޑޮލަރެވެ. އަދި އައްޑޫސިޓީގައި ޓޫރިޒަމް ޒޯންތައް ތަރައްގީކުރާ މަޝްރޫއުގެ އަގަކީ 2.49 މިލިއަން ޑޮލަރެވެ.