Banner Image Description

"އެއްކަލަ ކޮފަލި" އަނެއްކާވެސް މައިކަޕަށް!

ޢަބުދުﷲ ޙަމީދު

އިހަވަންދޫގެ ފުޓްބޯޅާގައި އާރުލާ ނަމަކަށް ކޮފަލި ނުވެދާނެއެވެ. ނަމަވެސް “ކޮފަލި”އޭ ބުނުމުން ނޭނގޭނެ މީހަކު ނުހުންނާނެއެވެ. 2015 ވަނަ އަހަރުގެ މައި ކަޕަށް ކޮފަލިން ޒުވާން ޓީމެއް ނެރެ، އެދެވޭ ނަތީޖާއެއް ނުނެރެވުނެއްކަމަކު އެމުބާރާތް ވެގެން ދިޔައީ ކޮފަލި ޓީމަށް ޚާއްސަ މުބާރާތަކެށެވެ.

އެއަހަރުގައި ކޮފަލި ޓީމުގެ އަމާޒަކަށްވީ އިހަވަންދޫގެ ފުޓްބޯޅައިގެ އެންމެ ބޮޑު ޕުލެޓްފޯމަށް، ޒުވާން ކުޅުންތެރިތަކެއް ނެރެދިނުމެވެ. ކުރިމަގުގައި ނަން ހިނގާނޭ މޫނު ތަކެއް ތައާރަފު ކުރުމެވެ. ފުޓްބޯޅައިގެ ފުރިހަމަ ވައްޓަފާޅި ހުރި އަމިއްލަ “ޕްރޮޑަކަޓްސް” ތަކެއްގެ ޖާދޫ ދައްކާލުމެވެ. އެއަހަރު އެޓީމުގެ އެވްރެޖް އުމުރަކީ 19 އަހަރުކަން ކޮފަލިން ބުނަނީ ހިނިތުންވުމާއެކުއެވެ. އެދުވަހު ކޮފަލި އަށް ކުޅުނު ކުޅުންތެރިން މައި ކަޕްގެ މެދު އުޑުގައި ފިޔަޖަހައިފިކަން، އެއީ މިއަދު ފެންނާން ހުރި ހަގީގަތެވެ. ތަފާތު ޓީމުތަކުގައި އެކުޅުންތެރިންގެ ފަންވާރާއި ހުނަރު ދައްކަމުންގޮސް މިހާރު އެތިބީ ކަރުގައި ރަން މެޑަލް އަޅައިގެންނެވެ.

އަނެއްކާވެސް ކޮފަލި ޓީމުން މިވަނީ 4 އަހަރުގެ މެދު ކެނޑުމަކަށް ފަހު މައި ކަޕްގައި ވާދަ ކުރާނެކަން އިއުލާން ކޮށްފައެވެ. އެއާއެކު، 2020ގެ މައިކަޕަށް ކޮފަލި ޓީމުގެ ތައްޔާރީތައް ވަނީ މެކުހަށްޖަހާފައެވެ. އަލީ ވަޙީދު (އައްލަރޭގެ) މެނޭޖަރުކަމުގެ ދަށުން ކޮފަލި ނުކުންނަނީ އިތުރު ހަރުފަތަކަށް ޓީމް ގެންދާށެވެ. “ޓީމް މިފަހަރު ތަފާތަވާނެ. އެކަން މިފަހަރު ކޮފަލިން ސާބިތުކޮށް ދޭނަން. މިހާރުވެސް ކުޅުންތެރިން އެދަނީ ގުޅެމުން. ކުރިއަށް އޮތް ދުވަސްތަކުގައި ސަޕޯޓަރުންގެ ހިތް ދަމައިގަންނަފަދަ އިތުރު ކުޅުންތެރިން ޓިމާ ގުޅިގެން ދާނެ!” ޓީމުގެ މިސްރާބާމެދު އިތުބާރާއެކު މެނޭޖަރު ބުންނެވެ.

މި އަހަރު މައި ކަޕްގައި ވާދަކުރާ ކޮފަލި ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި މިހާތަނަށް ރަސްމީކޮށް އާންމުކޮށްފައިވާ ހަމައެކަނި ކުޅުންތެރިޔާ އަޙްމަދު އަހުޝަމް (ވ) އަކީ 2015 ވަނަ އަހަރު ކޮފަލި ޓީމުން ފާހަގަވެގެންދިޔަ ހުނަރުވެރި ފޯވާޑެއް…//. ފޮޓޯ: ކޮފަލި ފޭސްބުކް ޕޭޖު

މިފަހަރުގެ މައިކަޕުގައިވެސް ކޮފަލި ފެނިގެންދާނީ ހުނަރުވެރި ޒުވާން ސްކޮޑަކާއެކުވެ. މި ނޫހަށް މަޢުލޫމާތު ދެމުން ކޮފަލީގެ އިސްފަރާތެއް ބުނީ، ޓިމާ ގުޅެން ތައްޔާރުވެފައިވާ ތަޖުރިބާކާރު ކުޅުންތެރިންނާއެކު ޓީމް އިތުރަށް ފުރިހަމަވެ، ވަރުގަދަވެގެންދާނެ ކަމަށެވެ. އޭނާ އިތުރަށް ބުނެފައިވަނީ، މިއަހަރުގެ މައިކަޕަށް ކޮފަލިން ނުކުންނަނީ ދުރު ރާސްތާ ޕްލޭނަކާއެކު ކަމަށާއި، މައިކަޕްގެ ފަޚްރުވެރި ތަށި 3 ފަހަރުގެ މަތިން ހޯދައިފާއިވާ ކާމިޔާބު ކުޅުންތެރިން ވިހިވިހީގެ މައިކަޕްގައި އެޓީމުން ފެނިގެންދާނެކަމަށެވެ.

ކޮފަލިން ބުނަނީ ފާއިތުވި އަހުރުތަކުގައި ސަޕޯޓަރުންނަށް ގެނުވި މާޔޫސްކަން މިއަހަރުގެ މައި ކަޕުން ފިލުވައިލަދޭނެ ކަމަށެވެ. 4 އަހަރުގެ ދިގު އިންތިޒާރަށް ނިމުންގެނެސް، ޒުވާން ޖޯޝުހުރި ކުޅުންތެރިންނާއެކު އިދިކޮޅު ޓީމުތައް ސިއްސުވާލާ ދަނޑުމަތިން ނަތިޖާ ނެރޭނެކަމަށެވެ.