Banner Image Description

އިހަވަންދޫ ހިމެނޭހެން 25 ރަށަކަށް ޑްރެގް ބްރަޝް މެޝިން ފޮނުވަނީ

މުޙައްމަދު އަކުރަމް

އިހަވަންދޫ ހިމެނޭހެން 25 ރަށަކަށް ފުޓްބޯޅަ ދަނޑު ތަކަށް ބޭނުންވާ ޑްރެގް ބްރަޝް މެޝިން ފޮނުވުމަށް މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ނިންމައިފިއެވެ. މިކަމަށްޓަކައި މިއަދުވަނީ އެކުވެނި ސިންތެޓިކް ޓްރެކްގައި ރަސްމީޔާތެއް ބާއްވާފައެވެ.

އެ ރަސްމީޔާތުގައި ޔޫތް މިނިސްޓަރ އަޙުމަދު މަހުލޫފްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ބައިވެރިވެޑައިގެންފައެވެ. މި މެޝިންތައް ވިނަ ދަނޑުގައި ހެދޭ ވިނަތައް ކޮށުމަށާއި، ޓާފް ދަނޑުތަކުގައި ބްރަޝް އެޅުމަށް ބޭނުންކުރެވޭނެއެވެ. ޔޫތް މިނިސްޓްރީން ޑްރެގް ބްރަޝް މެޝިންތައް މިފަހަރު ފޮނުވާ 25 ރަށަކީ، ހއ.އިހަވަންދޫ، ހއ.ދިއްދޫ، ހދ.ހަނިމާދޫ، ހދ.ނޮޅިވަރަމް، ހދ.ނެއްލައިދޫ، ށ.ފުނަދޫ، ށ.ފޯކައިދޫ، ނ.ކުޑަފަރީ، ނ.ވެލިދޫ، ނ.މަނަދޫ، ރ.ދުވާފަރު، ރ.މާކުރަތު، ޅ.އޮޅުވެލިފުށި، ކ.ގުޅި، ކ.ގުރައިދޫ، އއ.ރަސްދޫ، އދ.މާމިގިލި، ވ.ކެޔޮދޫ، ދ.ކުޑަހުވަދޫ، ތ.ތިމަރަފުށި، ގއ.ވިލިނގިލި، ގދ.ތިނަދޫ އަދި ސ.ހުޅުދޫގެ އިތުރުން ސ.ފޭދޫއެވެ.

މި 25 ރަށުގެ އިތުރުން މިދިޔަ އަހަރުވެސް މި މިނިސްޓްރީން ވަނީ 12 ރަށެއްގެ ޓާފް ދަނޑުތަކަށް ބޭނުންވާ ޑްރެގް ބްރަޝް މެޝިން އެ ރަށްތަކާއި ހަވާލުކޮށްފައެވެ. އެ ރަށްތަކަކީ، ފުވައްމުލައް ސިޓީ، ރ.އަލިފުށި، ދ.މީދޫ، ފ.ނިލަންދޫ، އދ.މަހިބަދޫ، ކުޅުދުއްފުށި ސިޓީ، ހއ.ހޯރަފުށި، ނ.ކެނދިކުޅުދޫ، ނ.ހޮޅުދޫ، ލ.ގަން އަދި ކ.މާފުށީގެ އިތުރުން ޅ.ހިންނަވަރެއެވެ.

ރާއްޖޭގެ ރަށްރަށުގައި ފެންވަރު ރަނގަޅު ފުޓުބޯޅަ ދަނޑުތައް އެޅުމަކީ ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެގޮތުން މިހާރުވެސް މިހާރު ގާތްގަނޑަކަށް 40 ދަނޑުގެ މަސައްކަތް ނިންމާލެވިފައެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 85 ދަނޑުގެ މަސައްކަތް ކުރިއަށް އެބަދާކަމަށް އެމިނިސްޓަރީން ބުނެއެވެ.