އިހަވަންދޫގައި ކޮމިއުނިޓީ ސްކައުޓް ހަރަކާތް ފަށަނީ

އައިޝަތު އިލްމާ އަދުނާން

ހއ.އިހަވަންދޫގައި ކޮމިއުނިޓީ ސްކައުޓް ހަރަކާތް ރަސްމީކޮށް 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު ފެށުމަށް ނިންމައިފިއެވެ.

އިހަވަންދޫގައި ކޮމިއުނިޓީ ސްކައުޓް ހަރަކާތް ފެށުމަށް މެދުވެރިވީ 8 ވަނަ ހއ ސްކައުޓް ގުރޫޕްގެ ފުރަތަމަ ބެޗްގެ ސްކައުޓްންގެ އިސްނެގުމުގެ ދަށުންނެވެ. އެގޮތުން، ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބައެއް ބޭފުޅުންނާއި ކުރީގެ ބައެއް ސްކައުޓުންނާ ދެމެދު މަޝްވަރާތައް ކުރެވި، ކުރެވުނު މަސައްކަތްތަކުން 2019 ޑިސެމްބަރ 19 ވަނަ ދުވަހު “16 ވަނަ ހއ ސްކައުޓް ގުރޫޕް” ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގައި ރަޖިސްޓްރީ ކުރެވިގެންދިޔައެވެ. މިއީ، އިހަވަންދޫގައި އުފެދުނު 2 ވަނަ ސްކައުޓް ގުރޫޕެވެ. މުޅި ރާއްޖޭގައި އުފެދުނު 3 ވަނަ  ކޮމިއުނިޓީ ސްކައުޓް ގުރޫޕެވެ. ދެވަނަ އަށް އުފެދުނު ކޮމިއުނިޓީ ސްކައުޓް ގުރޫޕް އުވިފައިވާތީ، މިއީ މިހާރު ރާއްޖޭގައި އޮތް ދެވަނަ ކޮމިއުނިޓީ ސްކައުޓް ގުރޫޕެވެ. 24 ރޯވަރ ސްކައުޓުންނާއެކު، ރާއްޖެތެރޭގައި އުފެދުނު ފުރަތަމަ ސްކައުޓް ގުރޫޕް ވެސްމެއެވެ.

މި ގުރޫޕުގެ މަގުސަދަކީ، އިހަވަންދޫ ސުކޫލްގެ ސްކައުޓް ހަރަކާތް ކުރިއެރުވުމަށް އެހީތެރިވެދިނުމާއި އަތޮޅުގެ ގުރޫޕުތަކާ ގުޅިގެން އެއަތޮޅުގެ އެހެނިހެން ސްކައުޓް ގުރޫޕުތަކަށް އެހީތެރިވެދިނުމެވެ. ރަށުގެ މުއައްސަސާތަކާއި ކުލަބް ޖަމްޢިއްޔާތަކާ ގުޅިގެން މަސައްކަތް ކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުމެވެ. ރަށުގައި ކުރިއަށް ގެންދެވޭ އިޖުތިމާޢީ ހަރަކާތްތައް ރާވާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވުމާއި ބިނާކުރަނިވި ޒުވާން ޖީލެއް އުފެއްދުމަށް މަސައްކަތްކުރުމެވެ.

ރޯވަރ ސްކައުޓް ކޮމިއުނިޓީއެއްގެ ގޮތުގައި ރަޖިސްޓަރ ކޮށްގެން ކުރިއަށް ގެންދެވޭނީ  ސްޕޮންސަރިންގ ބޮޑީއެއްގައި ރަޖިސްޓްރީ ކުރެވިގެންނެވެ. ރޯވަރ ސްކައުޓްން ކޮމިއުނިޓީއެއްގެ ގޮތުގައި މަސައްކަތްކުރުމަށް ޓަކައި 16 ވަނަ ހއ ސްކައުޓް ގުރޫޕްގެ ސްޕޮންސަރިން  ބޮޑީއަކީ އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމްޢިއްޔާއެވެ. މި ގުރޫޕުން ހިންގާ އެކިއެކި ހަރަކާތްތަކަކީ އިމަގުގެ ބެލެނިވެރިކަމުގައި ހިންގާނެ ހަރަކާތްތަކެވެ. މިގޮތުން، ކޮމިއުނިޓީ ސްކައުޓު ހިންގާގޮތް ޖަމްޢިއްޔާތައް ހިންގާ ގޮތާ ތަފާތުވެގެންދާނެއެވެ.

އިހަވަންދޫ ކޮމިއުނިޓީ ސްކައުޓް ހަރަކާތް ރަސްމީކޮށް އިފްތިތާހުކުރުމާއި ގުރޫޕްގެ ރޯވަރ ސްކައުޓުން ހުވާކުރުމުގެ ރަސްމިއްޔާތު 2020 ޖަނަވަރީ މަހުގެ މެދުތެރޭން އޮންނާނެކަމަށް އެ ގުރޫޕްގެ އެސިސްޓެންޓް ގްރޫޕް ސްކައުޓް ލީޑަރ އާދަމް ހުސެއިން ވިދާޅުވިއެވެ.

އިހަވަންދޫ ސުކޫލުގައި 2006 ވަނަ އަހަރު 8 ވަނަ ހއ ސްކައުޓް ގުރޫޕުގެ ހަރަކާތްތައް ރަސްމީކޮށް އިފްތިތާހުކޮށް މިއަދާ ހަމައަށް ކާމިޔާބުކަމާއެކު 14 އަހަރު ސްކައުޓް ހަރަކާތް ކުރިއަށް ގެންދެވި، ކަބް ސްކައުޓްގެ ހަރަކާތްތައް 2018 ވަނަ އަހަރު ވަނީ ފެށިފައެވެ.