ރާއްޖޭގެ އުތުރާއި ދެކުނުގައި ޓްރާންޝިޕްމަންޓް ބަނދަރު ހެދުމަށް ލަފާ ހޯދަން 13.2 މިލިއަން ރުފިޔާ އަށް ބޭރު ބަޔަކާ ހަވާލުކޮށްފި އެވެ.
ސަރުކާރުން މި ޕްރޮޖެކްޓު ކުރިއަށް ގެންދިއުމަށް ކޮންސަލްޓަންޓެއް ހޯދަން އިއުލާން ކުރުމުން ބިޑު ކާމިޔާބު ކުރީ ނެދަލެންޑުގެ އެމްޓީބީއެސް އާއި ޑެންމާކުގެ ނީރާސް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއަކުންނެވެ. އެ ކުންފުންޏާ އެކު ކޮންސަލްޓެންސީ އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީން ވަނީ މިއަދު ސޮއި ކޮށްފަ އެވެ.
މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން އިހަވަންދިއްޕޮޅާއި ލާމު އަތޮޅުން ހުވަދޫ ކަނޑާ ކައިރިން ބަނދަރު ހެދުމަށް އެންމެ އެކަށީގެންވާ ސަރަހައްދެއް ހޯދުމަށް ފީޒިބިލިޓީ ބަލާނެ އެވެ. އަދި ފީޒިބިލިޓީ އަށް ބެލުމަށްފަހު ޕްރޮޖެކްޓު ކުރިއަށް ގެންދާނެ ގޮތާ ގުޅޭ ދިރާސާތައް ވެސް އެ ކުންފުނިން ކުރަން ޖެހޭނެ އެވެ.
މީގެ އިތުރުން ބޯޓުފަހަރު މަރާމާތު ކުރުމަށާއި ބޯޓުފަހަރަށް ސަޕްލައި ކުރުމަށް އަމާޒުކޮށްގެން ހިތަދޫގައި ހަދާ ބައިނަލްއަގުވާމީ ބަނދަރުގެ ފީޒިބިލިޓީ ވެސް ނެދަލެންޑާއި ޑެންމާކުގެ މި ކުންފުނިން ހަދާނެ އެވެ.