މިހާރު ކުރިއަށްދާ މައި ކަޕް 13 ވަނަ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގެ ފަހު ޖާގަ ދިއްދޫގެ ހީވެސްނުވޭ ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.
މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ހީވެސްނުވޭ ސްޕޯޓްސް ކުލަބުން ސެމީގެ ޖާގައެއް ކަށަވަރުކުރީ ރޭ ކުޅުނު ކުއާޓަރ ފައިނަލް މެޗުގައި ފަސޭހަކަމާއެކު 4-1 ން ސެންސިޓީ ބަލިކޮށްފައެވެ.
ރޭގެ މެޗުގެ ފުރަތަމަ ގޯލުޖަހައި ލީޑުނެގީ ހީވެސްނުވޭ ސްޕޯޓްސް ކުލަބުންނެވެ. ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި މިގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފަތުހުﷲ ޖަމީލެވެ. އޭގެ އެގާރަ މިނެޓްފަހުން، މެޗުގެ 22 ވަނަ މިނެޓްގައި ހީވެސްނުވޭ ސްޕޯޓްސް ކުލަބުގެ އަލީ ފަރުހާދުގެ ގޯލާއެކު އެޓީމުގެ ލީޑު ފުޅާކުރިއެވެ. 2-0 ގެ ނަތީޖާއަކުން ފުރަތަމަ ހާފު ނިމެމުންދަނިކޮށް މެޗުގެ 34 ވަނަ މިނެޓްގައި ސެންސިޓީގެ އަޙްމަދު އަރުޝަދު ގޯލެއްޖަހައި އެޓީމަށްވަނީ އުއްމީދު އައުކޮށްދީފައެވެ. ނަމަވެސް ދެވަނަ ހާފުގައި، މެޗުގެ 50 ވަނަ މިނެޓްގައި ހީވެސްނުވޭ ސްޕޯޓްސް ކުލަބުގެ ޙުސައިން ޝިފާއު ކާމިޔާބުކުރި ގޯލާއެކު ސެންސިޓީއަށް އިތުރު ހާސްކަން ކުރިމަތިވިއެވެ. އަދި މެޗުގެ 58 ވަނަ މިނެޓްގައި އިތުރު ގޯލެއް ޖަހައި ހީވެސްނުވޭ ސްޕޯޓްސް ކުލަބުން ސެމީފައިނަލްގެ ޖާގައެއް ޔަޤީންކުރިއެވެ.
މި ގޯލު އެޓީމަށް ޖަހައިދިނީ ފުރަތަމަ ގޯލުވެސް ކާމިޔަބުކޮށްދިން، މެޗުގެ މޮޅު ކުޅުންތެރޔާގެ މަޤާމުހޯދި ފަތުހުﷲ ޖަމީލެވެ.
މާދަމާ ރޭ 20:00 ގައި ކުޅުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ހީވެސްނުވޭ ސްޕޯޓްސް ކުލަބު ބައްދަލުކުރާނީ ރޭ 3-0 އިން މާރަންދޫގެ ބަނޑޭރި ސްޓަރ ސްޕޯޓްސް ކުލަބު ބަލުކުރުމަށްފަހު ސެމީން ޖާގަ ހޯދި ކުޅިމަގު ޓީމާއެވެ.
މާދަމާ ހަވީރު 16:00 ފެށުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެންވީކޭ އަދި ޔުނައިޓެޑް ޔޫތެވެ.