މައި ކަޕް 13 ވަނަ ފުޓް ބޯޅަ މުބާރާތުގެ ފުރަތަމަ ކުއާޓަރ ފައިނަލް މެޗުގައި 5-4 ން ގަބީލާ ބަލިކޮށް ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ޔުނައިޓެޑް ޔޫތުން ހޯދައިފިއެވެ.
މިއަދުގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ލަނޑެއް ނުޖެހި ދެޓީމު އެއްވަރުވުމުން ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.
ކޮންމެ ޓީމަކުން ފުރަތަމަ ޖެހި ހަތަރު ޕެނަލްޓީ ކާމިޔާބު ކޮށްފައިވަނިކޮށް ގަބީލާގެ ފަސްވަނަ ޕެނަލްޓީ ޖަހަން ދިޔައީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނިކުތް ޝަހުދު އެވެ. ޝަހުދު ޖެހި ޕެނަލްޓީ ޔޫނައިޓެޑް ޔޫތު ޓީމުގެ ކީޕަރ ދިފާއުކުރުމުން ފަހު ޕެނަލްޓީ ކާމިޔާބުކޮށްގެން ސަމީން ޖާގަ ހޯދުމުގެ ފަހި ފަރުސަތު ލިބުނެވެ. ޔޫތު ޓީމުގެ ފަހު ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއާގެ މަޤާމު ހޯދި ފާރިސް އެވެ.
މިމަހުގެ 17 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލްގައި ޔުނައިޓެޑް ޔޫތާ ދެކޮޅަށް ނިކުންނާނީ މިރޭ 20:00 ފަށާ މުބާރާތުގެ ދެވަނަ ކުއާޓަރ ފައިނަލްގެ މެޗުން މޮޅުވާ ޓީމެކެވެ. މި މެޗުގައި ވައްދަލުކުރާނީ އެންވީކޭ އަދި އެފްސީ ބޮޑުމަގެވެ.