މައި ކަޕް 2019: މަރުގެ ގްރޫޕުން އެންވީކޭ ކުއާޓަރއަށް

އިބްރާހިމް ނަޝީދު

މިއަހަރުގެ މައި ކަޕް ފުޓްބޯޅަ މުބާރާތުގައި މަރުގެ ގްރޫޕް (ގްރޫޕް 2)ގެ އެއްވަނަ ޓީމުގެ ގޮތުގައި އެންވީކޭ ކުއާޓަރ ފައިނަލުން ޖާގަ ހޯދައިފިއެވެ.

އެންވީކޭ ކުއާޓަރގެ ޖާގަ ކަށަވަރުކުރީ މިއަދު ހަވީރު 3-0 ން ޖޭއޭ މަނަފަރު ބަލިކޮށް، ކުޅުނު 3 މެޗުން 9 ޕޮއިންޓް ހޯދައިގެން ގްރޫޕްގެ 1 ވަނަ ޓީމުގެ ގޮތުގައެވެ.

ފުރަތަމަ ހާފު ނިމެންދަނިކޮށް އެންވީކޭގެ ފުރަތަމަ ގޯލް ޖަހައިދިނީ އެޓީމުގެ އިބްރާހީމް ހާމިދެވެ. ދެވަނަ ހާފުގައި އެޓީމުގެ އަނެއް ދެ ގޯލް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނު ޢަލީ ޝިފާޒެވެ.

އެންވީކޭގެ އިތުރުން ރަށުން ބޭރު ތިންޓީމު ކަމަށްވާ މާރަންދޫ ޔޫތު ސޮސައިޓީ، ޖޭއޭ މަނަފަރު އަދި ދިއްދޫގެ ހީވެސް ނުވޭ ސްޕޯޓްސް ކުލަބު ހިމެނޭ މި ގްރޫޕްގެ ދެވަނައިގައި މިވަގުތު އޮތީ މިއަދުގެ މެޗުން ބަލިވި ޖޭއޭ މަނަފަރު ޓީމެވެ. އެޓީމަށް ލިބިފައިވަނީ ކުޅުނު ތިންމެޗުން 2 ޕޮއިންޓާއި ގެއްލުން 3 ގޯލެވެ.

މި ގްރޫޕްގެ ފަހު މެޗުގައި ހީވެސް ނުވޭ ސްޕޯޓްސް ކުލަބާއި މާރަންދޫ ޔޫތު ސޮސައިޓީ މާދަމާ ހަވީރު ބައްދަލުކުރާނެއެވެ. ފަހު މެޗަށް ނިކުންނައިރު ހީވެސް ނުވޭ ސްޕޯޓްސް ކުލަބު އޮތީ 1 ޕޮއިންޓާއި ގެއްލުން 1 ގޯލާއެކު ގްރޫޕްގެ ތިންވަނައިގަ އެވެ. 1 ޕޮއިންޓާއި ގެއްލުން 3 ގޯލާއެކު މާރަންދޫ ޔޫތު ސޮސައިޓީ އޮތީ ގްރޫޕްގެ ފުލުގައެވެ. އެހެންކަމުން މާދަމާގެ މެޗު އެއްވަރު ވެއްޖެނަމަ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ހީވެސް ނުވޭ ސްޕޯޓްސް ކުލަބަށް ކުއާޓަރ ފައިނަލުން ޖާގައެއް ޔަޤީން ކުރެވޭނެއެވެ. ކުއާޓަރގެ ޖާގައެއް ކަށަވަރު ކުރުމަށް މާދަމާގެ މެޗު މާރަންދޫ ޔޫތު ސޮސައިޓީ ކާމިޔާބުކުރަންޖެހެއެވެ.

މައި ކަޕް ފުޓްބޯޅަ މުބާރާތުގެ ކާމިޔާބު ކޯޗު ހަމްޒާ އިބްރާހީމްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އެންވީކޭއާ ދެކޮޅަށް ޑިސެމްބަރ 14 ވަނަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާ ކުއާޓަރ ފައިނަލްގައި ބައްދަލުކުރަން ޖެހޭނީ ގްރޫޕް 1 ނުވަތަ 3ގެ ތިންވަނަ ހޯދާ ޓީމެވެ.

މައިކަޕް ފުޓުބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގެ މެޗުތަށް މިމަހުގެ 12 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާއިރު ކުއަރޓަރ ފައިނަލްގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. ސެމީ ފައިނަލްގެ ދެމެޗް މިމަހުގެ 17 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު މިމުބާރާތުގެ ފައިނަލް އޮންނާނީ މިމަހުގެ 19 ވާ ބުރާސްފަތި ދުވަހުއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ޢަބްދުﷲ (މުޙައްމާ) ގެ ވާދައިގެ ތައްޓަށް ކުޅޭ މިމުބާރާތް މެދުނުކެނޑި ކުރިއަށް ގެންދާތާ މިއީ 13 ވަނަ އަހަރެވެ. މި އަހަރުގެ މުބާރާތުގަވެސް ޗެމްޕިއަން ޓީމަށް 75000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައިއެވެ.