އިހަވަންދޫގެ ބަނދަރުގެ މަރާމާތު މަސައްކަތަށް ބޭނުންވާ މެޝިނަރީޒް ރަށަށްގެނަފަހުން 2 މަހަށްވުރެ ގިނަދުވަސް ވެގެންދިޔައިރުވެސް އަދިވެސް އަމަލީ މަސައްކަތް ނުފެށެއެވެ.
އިހަވަންދޫގެ ބަނދަރު މަރާމާތު މަސައްކަތަށް ބޭނުންވާ ވެހިކަލްތަކާއި ބައެއް މެޝިނަރީޒް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން އިހަވަންދޫއަށް ގެނެސްފައި ވަނީ 2019 އޮކްޓޯބަރ 2 ވަނަ ދުވަހުއެވެ. ބަނދަރުގެ އަމަލީ މަސައްކަތް ނުފެށި ގިނަދުވަސްވެގެންދާތީ ބައެއް ފަރާތްތަކުގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވެފައިވާއިރު، “ބަނދަރު ހަދަންޖެހޭނީ އިބޫގެ ވަޢުދާ އެއްގަތަށްކަމަށް” ބުނެ ފާޅުކުރަމުންދާ ޝުއޫރުތައް މިދަނޑިވަޅުގައި ވަނީ އިތުރު ވެފައެވެ.
އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ރަޝީދު މިނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ ބަނދަރުގެ މަސައްކަތް ލަސްވަމުންދަނީ ސަރުކާރުން ޕުރޮޕޯސް ކޮށްފައިވާ ކުރެހުމާމެދު ރައްޔިތުންގެ ހިޔާލާއި، ބަނދަރު ކޮމެޓީ އަދި ކައުންސިލްގެ ވިސްނުމުގެ ކުޑަތަފާތު ތަކެއް އުޅޭތީ ކަމަށެވެ.
ބަނދަރުގެ އީއައިއޭ އަށް ބޭނުންވާ މައުލޫމާތު އެއްކޮށްފައިވާ ކަން ފާހަގަ ކުރައްވަމުން މުޙައްމަދު ރަޝީދު ވިދާޅުވީ، މިހާރު ބަނދަރު ކޮމެޓީން ޑުރާފްޓް ކޮށްފައިވާ ކުރެހުމަށް އީއައިއޭ ހަދަމުން ދާކަމުގެ މައުލޫމާތު ލިބިލައްވާފައިވާކަމަށެވެ. ރައްޔިތުން އެދޭ ގޮތަށް ބަނދަރު ހެދިދާނެތޯ ނިންމާނީ އީއައިއޭ އަށްފަހުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
ބަނދަރާއިމެދު ކައުންސިލްގެ 5 މެމްބަރުންގެވެސް އެއްވެސް ހިޔާލުތަފާތުވުމެއް ނެތްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ކައުންސިލް މެމްބަރުންގެ މެދުގައި ބަނދަރާގުޅޭގޮތުން އޮތީ ރައްޔިތުންނާއި ބަނދަރު ކޮމެޓީގައިވެސް އޮތް ވިސްނުން ކަމަށެވެ.
އިހަވަންދޫގައި ބަނދަރު ހެދުމުގެ މަޝްރޫއަށް ކަނޑައަޅާފައި ވަނީ 51.7 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި މަޝްރޫއު ފުރިހަމަކުރަން އެމްޓީސީސީ އަށް ދީފައވަނީ 400 ދުވަހެވެ. މި މަޝްރޫއުގެ ދަށުން ރަށުގެ ބަނދަރުގެ އެއްގަމު ތޮށި ބޮޑުކުރުމާއި، ބަނދަރުގެ ބޭރު ތޮށި އިތުރަށް ބޭރަށް ޖެއްސުން ހިމެނެއެވެ.
ބަނދަރު އަޕުގުރޭޑުކުރެވިގެންދާއިރު، އިހަވަންދޫ ބަނދަރުގެ ބޭރު ތޮށީގައި 284 މީޓަރުގެ ހުންނަ އިރު، އެއްގަމު ތޮށީގައި ހުންނާނީ 95 މީޓަރު ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ.