ހޯރަފުށިން އިހަވަންދޫއަށް މަސްތުވާތަކެތި އެތެރެކުރި ބަޔަކު ހައްޔަރުކޮށްފި

ޢަބުދުﷲ ޙަމީދު

ހއ. ހޯރަފުށިން، ހއ. އިހަވަންދޫއަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކުމަށް މަސައްކަތް ކުރި ބަޔަކު މިރޭ ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގޭ މީޑިއާ އޮފިސަލް މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހއ. އިހަވަންދޫ އަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކާކަމުގެ މައުލޫމާތެއް ފުލުހުންގެ އިންޓެލިޖެންސް އަށް ލިބުމާ ގުޅިގެން ފުލުހުން 9 ޑިސެމްބަރ ދުވަހުގެރޭ (މިރޭ) އިހަވަންދޫގައި ހިންގި އޮޕަރޭޝަނެއްގައި ހއ. ހޯރަފުށިން އައި ޑިންގީއަކުން ފޭބި 3 މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު އޭގެތެރެއިން އެކެއްގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ 1 ރަބަރު ހޮޅިކޮޅު ފެނިވައިވާކަމަށެވެ. އަދި އެމީހުން އައި ޑިންގީ އިން 5 ރަބަރު ހޮޅިކޮޅު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލާގައިހައްޔަރުކޮށްފައި ވަނީ  23 އަހަރުގެ ދިވެހި 2 ފިރިހެނުންނާއި 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން މައުލޫމާތު ދެއްވާގޮތުގައި މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލާގައި ހައްޔަރުކޮށްފައިވާ 3 މީހުންނަކީވެސް ހއ. ހޯރަފުށީ މީހުންނެވެ.