ޔުނިޓީން ހއ އަދި ހދ ގެ ހުރިހާ ރަށެއްގައި ދަރުސް ދެނީ

މުޙައްމަދު އަކުރަމް

ތިލަދުންމަތީ ދަތުރުގެ ނަމުގައި ތިލަދުންމަތީގެ ރަށްތަކުގައި ދަރުސް ޕްރޮގްރާމެއް ކުރިޔަށްގެންދަން ޔުނިޓީއިން ތައްޔާރުވެއްޖެއެވެ. ޔުނިޓީގެ ނައިބް ރައީސް އަދި މި ޕްރޮގްރާމްގެ ކޯޑިނޭޓަރ ހުސައިން ސާލިމް މައުލޫމާތު ދެއްވިގޮތުގައި މިޕޮރޮގްރާމުގައި ހއ އަދި ހދ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނޭހެން ޖުމްލަ 28 ރަށެއް ކަވަރުކުރާނެއެވެ.

ޔުނިޓީން ކުރިޔަށްގެންދާ މިޕްރޮގްރާމް ކުރިޔަށްގެންދަނީ ދެބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ހއ އަތޮޅުގެބައި މިމަހުގެ  23 ހުން 28  އަށް ކުރިޔަށް ގެންދިއުމަށް ރާވާފައިވާއިރު ހދ އަތޮޅުގެބައި ކުރިޔަށް ގެންދިއުމަށް ޝެޑިއުލް ކޮށްފައިވަނީ އަންނަ އޯގަސްޓް މަހުގެ ތެރޭގައެވެ.

ތިލަދުންމަތީގެ ރަށްތަކުގައި އިސްލާމީ ދަޢުވަތު ފުޅާކުރުމަށާއި، ފަރުދުންގެ މެދުގައި އެއްބައިވަތަކަން އާލާކުރުމުގެ އިތުރުން ރަށްތައް ގުޅިގެން އިސްލާމީ ވަހުދަތު ފެތުރުމުގެ މަޤްސަދުގައި ކުރިޔަށްގެންދާ މިޕްރޮގްރާމްގެ ހއ އަތޮޅު ބައިގައި 7 ޝޭހުންނާއި 1 ނޫސްވެރިއެއް ބައިވެރިވާނެކަމަށް ސާލިމް މައުލޫމާތު ދެއްވިއެވެ. މިޕްރޮގްރާމް ފެށުމުގެ ރަސްމިޔާތު މިމަހުގެ 23 ހައި ހއ އިހަވަންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ރަށަކަށް ޒިޔާރަތްކުރާ ޝެއިހުންވެސް އެރަށެއްގައި 1 ދުވަހު އެކި ޕްރޮގްރާމްތައް ކުރިޔަށް ގެންދާނެއެވެ.

ޔުނިޓީ އިސްވެއޮވެ ކުރިޔަށްގެންދާ މިޕްރޮގްރާމް ކުރިޔަށް ގެންދަނީ ޖަމިއްޔަތުއް ސަލަފާއި ހއ އަދި ހދ އަތޮޅުގެ ކައުންސިލްތަކުގެ އިތުރުން ބައެއް ރަށްރަށުގެ ޖަމިއްޔާތަކުގެ އެހީތެރިކަމާއިއެކުއެވެ.